ވޭތުވެދިޔަ ހަތަރު އަހަރު ވެސް ގެއްލުމުގައި ހިންގި އެމްއެމްޕީއާރުސީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އަށް ރީބްރޭންޑްކޮށް 27 މިލިއަނަށް ވުރެ މަތން ނަފާ ވެއްޖެކަމަށް ބުނެފިއެވެ.
މިއަދު އޮތް މިދިޔަ އަހަރު ކުންފުނި ހިނގާދިޔަ ގޮތުގެ އަހަރީ އާންމު ޖަލްސާގައި 27،490،370ރ. ފައިދާއެއް ވެއްޖެކަމަށް އިޢުލާންކޮށްފިއެވެ. ފާއިތުވި ހަތަރު އަހަރު ތެރޭގައި ވެސް މިއީ އެ ކުންފުންޏަށް ފައިދާވި ފުރަތަމަ ފަހަރެވެ.
2023 ވަނަ އަހަރު ވެސް ވީ 17،997،662 ރުފިޔާގެ ގެއްލުމެކެވެ. އަދި ބަރާބަރު އެއް އަހަރު ދުވަހުގެ ތެރޭގައި ފައިދާއަށް އަނބުރާލެވުނީ ހިންގުމަށް ގެނެސްފައިވާ ހަރުދަނާ ބަދަލުތަކުގެ ސަބަބުންނެވެ. އެގޮތުން ކުންފުނީގެ މާލީ ހާލަތު ރަނގަޅުކުރުމަށް ގެނައި ހަރުދަނާ އިސްލާހުތަކުގެ ތެރޭގައި ރިކަރަންޓު ޚަރަދުތައް 10 ޕަސެންޓު ދަށްކޮށްފައި ވެއެވެ.
މީގެ އިތުރުން ދުނިޔޭގެ ޕަބްލިކް ރިލޭޝަންސް ޕާޓްނަޝިޕްތަކުގެ ޕާފޯމަންސް ބޭސްޑް އޮޑިޓެއްގެ ސަބަބުން 21 އިދާރާއިން 6 އިދާރާއަށް ތިރިކޮށް، ހަތަރު މިލިއަނަށް ވުރެ ގިނަ ފައިސާ ސަލާމަތްކޮށްފައި ވެއެވެ.