މިލައުތުރު

މިދިޔަ އަހަރުގެ ބޮޑު ކާވެނި (ޒާރާ އާއި ސިޔާމްގެ ކާވެނި) ޞުލްޙަވެރިކަމާއެކު ރޫޅާލާ އެކަން އިޢުލާން ކޮށްފި.

ސަން ސިޔާމް އާއި ކަމަދޫ ޒާރާގެ ކާވެނި ޞުލްޙަވެރިކަމާއެކު ރޫޅާލައިފި ކަމަށް ސިޔާމްގެ ގާތް ބޭފުޅެއް ކަމަށްވާ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް އިޢުލާން ކުރައްވައިފިއެވެ.

އައްބާސް ފޭސްބުކްގައި އެކަން އިޢުލާން ކޮށް ލިޔުއްވާފައިވަނީ، އޮންރަބަލް އަހުމަދު ސިޔާމް މުހަންމަދު އާއި ޒާރާ މެޑަމްގެ ކާވެންޏަކީ އެކަކު އަނެކުން ދެކެ ލޯބިވެގެން ކުރެވިގެން ދިޔަ ކާވެންޏެއް ކަމަށެވެ. ހަމަ އެހެންމެ އޮންރަބަލް އަހުމަދު ސިޔާމް މުހަންމަދު އާއި ޒާރާގެ ކާވެނި ރޫޅާލާފައިވަނީ ވެސް ރިވެތިގޮތުގައި މަޝްވަރާކުރުމަށްފަހު ސުލްހަވެރިކަމާއެކު ސުލްހަވެރި މާހައުލެއްގައި ކަމަށެވެ. އޮންރަބަލް އަހުމަދު ސިޔާމް މުހަންމަދަކީ އެއްވެސް ބޭފުޅަކާ މެދު ބޭއިންސާފުން ކަން ކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެއްވެސް ބޭފުޅަކާ މެދު ނިކަމެތިކޮށް ކަންކުރައްވާނެ ބޭފުޅެއްވެސް ނޫން ކަމަށެވެ. އަދި ކޮންމެ ބޭފުޅަކާ މެދު ވެސް ކަން ކުރައްވާނީ ލޯބިން އަދި އޯގާތެރިކަމާއެކުގައި ކަމަށެވެ. އަދި ކާވެނި ކުރައްވާ ކޮންމެ ދެމަފިރިއަކު މުޅި އުމުރު އެކަކުގައި ނޫޅެވުމަކީ މައްސަލައެއް ނޫން ކަމަށެވެ.

އެ ދެމަފިރިންގެ ދެމެދުގައި ޖެހުނީ ކޮން މައްސަލައެއް ކަމެއް އަދި ސާފެއް ނުވެއެވެ. އެހެން ނަމަވެސް މިފަހަކަށް އައިސް އާދަޔާ ޚިލާފަށް ލޯބިވާކަން ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތައް ޒާރާގެ އިންސްޓަގްރާމްގައި ޙިއްސާކޮށްފައި ވެއެވެ. އެއްވެސް މައްސަލައެއް ޖެހިގެން އުޅޭހެން ހީވެސް ނުވެއެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟