އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު އަސްކޮއި ޓްރެވަލް ސާވިސް އިން ބަޔަކަށް ލަނޑުދީފިއެވެ.
މި މަހުގެ 24 ގައި ފުރުމަށް ހަމަޖައްސާފައި އޮތް ގުރޫޕުގެ މީހުންނަށް ފުރެންނެތްކަން އަންގާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ދަތުރަށް ތައްޔާރުވެގެން ތިބި އެތައް ބަޔަކަށް ލިބުނީ ބޮޑު ހިތާމާއަކާއި ހާސްކަމެކެވެ. އަދި މިހާރު އުމްރާ ގުރޫޕުގެ އެއްވެސް ފަރާތަކުން ފޯނަށް ޖަވާބެއް ވެސް ނުދެއެވެ.
މި ގުރޫޕު މެދުވެރިވެގެން އުމްރާއަށް ދިއުމަށްޓަކައި ށ. ފޯކައިދޫއިން އެކަނިވެސް 28 މީހަކު ވަނީ ފައިސާ ދައްކާފައެވެ. ފޯކައިދޫން ވާހަކަދެއްކި މީހަކު މިލައުތުރަށް ކިޔައިދިންގޮތުގައި ދަތުރުގެ ޚަބަރެއް ނުވާތީ، އެތަކެއް ފަހަރެއްގެ މަތިން ގުޅިކަމަށާއި، ކޮންމެ ފަހަރަކު ވެސް ވަރަށް އަވަހަށް ޖަވާބެއް ދޭނެ ކަމަށް ބުނިކަމަށެވެ. ޖުލައި 8 ގައި ޖަވާބެއް ދޭނެކަމަށް ވެސް ބުނި ކަމަށާއި، ޖުލައި 13 ގައި ވެސް ޖަވާބެއް ދޭނެކަމަށް ބުނިކަމަށާއި، ޖުލައި 15 ގައި ވެސް ޖަވާބެއް ދޭނެކަމަށް ބުނިކަމަށެވެ. އެއްވެސް ޖަވާބެއް ނުދީ ތިބެފައި ކުއްލިއަކަށް މިއަދު އެންގީ ފުރެން ނެތްކަމަށެވެ. ފުރެންނެތީ ކީއްވެކަމެއް ވެސް އަދި ފަހުން ފުރޭނެކަމެއް ވެސް ނޭނގެއެވެ.
މި ގުރޫޕުގެ އުމްރާ ދަތުރުގެ އަގަކީ 25،500 ރުފިޔާއެވެ. އަދި މިފައިސާ ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ދައްކާފައެވެ. ފޯކައިދޫން އެކަނި ވެސް 714،000 ރުފިޔާ ދައްކާފައި ވެއެވެ. ނަމަވެސް އުމްރާއަށް ނުދެވި، ރީފަންޑް ވެސް ނުލިބި މީހުން ތިބީ ބޮޑު ހާސްކަމެއްގައެވެ. އެމީހުން ބުނާގޮތުގައި ރީފަންޑް ލިބިއްޖެނަމަ އެހެން ގުރޫޕަކުން 26 ޖުލައިގައި ފުރޭނެ ފުރުޞަތު އެބައޮތްކަމަށާއި، ނަމަވެސް ފޯނަށް ޖަވާބު ވެސް ނުދީ ފިލައިފި ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީގެ ފިޔަފާރި ޕޯޓަލްގައިވާ ގޮތުން މި ގުރޫޕްގެ އިސްވެރިޔަކީ އަބްދު ﷲ ރަޝީދު ނަމަކަށް ކިޔާ މީހެކެވެ. އަދި ހިއްސާދާރުންނަކީ އަބްދު ﷲ ރަޝީދު އާއި އަޙްމަދު ސަނިލްއެވެ. ޚަބަރު ލިބޭގޮތުގައި މިއީ ކުރިންވެސް ބަޔަކަށް ލަނޑުދީފައިވާ ގުރޫޕެކެވެ. މިފަދަ ބަޔަކަށް އަނެއްކާ ވެސް ހުއްދަ ދިނީ ކީއްވެބާއެވެ.
މި މައްސަލަ ވަނީ މިހާރު އިސްލާމިކް މިނިސްޓްރީ އާއި ޕޮލިހަށް ވެސް ހުށަހަޅާފައެވެ.