ޝާން މުޙައްމަދު

އެންމެ ފަހުން ގޫގުލް އެކައުންޓުތައް ހެކް ކުރަން ފަށައިފި

ރާއްޖޭގައި ގޫގުލް އެކައުންޓުތައް ހެކް ކުރަން ފަށާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ. ފުލުހުންގެ ސައިބަ ކްރައިމް ސެންޓަރުން ބުނީ ސްކޭމް ލިންކެއް މެދުވެރިކޮށް ގޫގުލް އެކައުންޓްތައް ހެކް ކުރުމުގެ މައްސަލަތައް އިތުރުވާތީ އެކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

ސައިބަ ކްރައިމް ސެންޓަރުން ބުނީ ”ގެދޮރުވެރިޔާ“ ޕޯޓަލްއަށް ލޮގިން ކުރުމަށް ކަމަށް ބުނެ ފޮނުވާ ސްކޭމް ލިންކަށް ފިތުމުން ގޫގުލް އެކައުންޓަށް ލޮގިންވާން ބުނާ ކަމަށާއި ލޮގިންކޮށްފި ނަމަ ލޮގިންވާ މީހާގެ ޕާސްވޯޑް ސްކޭމް ކުރާ ފަރާތަަށް ލިބޭނެ ކަމަށެވެ.

މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް ގޫގުލް އެކައުންޓުގެ ތޫ ފެކްޓަ އޮތެންތިކޭޝަން ހެއްދެވުމަށް ވެސް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.

ފުލުހުން ބުނީ ”ގެދޮރުވެރިޔާ“ ޕޯޓަލް އިން ލިންކެއް ނުފޮނުވާނެ ކަމަށާއި އެއީ އީފާސް މެދުވެރިކޮށް ލޮގިންވާ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލްއެއް ކަމަށެވެ. އަދި އެފަދަ ލިންކެއް ލިބިއްޖެނަމަ ސައިބަ ކްރައިމް ސެންޓަރުގެ ނަންބަރު 911 ގުޅައި ރިޕޯޓް ކުރުމަށް ވެސް ފުލުހުން އެދިފައިވެ އެވެ.

ފާހަގަ ކުރެވޭ ގޮތުގައި ފަހަކަށް އައިސް ރާއްޖޭގައިވެސް ސްކޭމްގެ މިފަދަ މައްސަލަތައް ވަރަށް ބޮޑަށް ވަނީ އާންމުވެފައެވެ. އޭގެ ސަބަބުން އެތައް ބަޔަކަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވެސް ލިބެމުންނެވެ. އެހެންވެ ފުލުހުން އަންނަނީ ސްކޭމްތަކަށް ސަމާލުވާން ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.