ރަޝިއާގެ ސަކަލިން ސަރަހައްދަށް ސުނާމީ ރާޅުތައް އަރާ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.
އެ ސަހަރުގެ މޭޔަރާ ޙަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި އެންމެ ބޮޑު ގެއްލުމެއް ކުރީ ތިންވަނަ ރާޅުންނެވެ. އެ ރާޅުން ބަނދަރުގެ ވަސީލަތްތަކަށާއި، ކުދި ބޯޓުފަހަރާއި އަދި ކަނޑުދަތުރުކުރާ އުޅަނދުފަހަރު ކަނޑަށް ދަމައިގަނެ، މިހާރު އެ އުޅަނދުފަހަރު ވަނީ ކަނޑުގެ ފުން ސަރަހައްދުތަކަށް ދަމައިގަތް އިރު، އަނެއްބައި އުޅަނދުފަހަރު ވަނީ އެއްގަމަށް އުރިފައެވެ.
އެ ސަރަހައްދަށް ނެރެފައިވާ ސުނާމީގެ އިންޒާރު އަދިވެސް ވަނީ ދަމަހައްޓާފައެވެ. އެއީ ސެވަރޯ-ކުރިލްސްކްގެ ބަނދަރު ސަރަހައްދެވެ. މޭޔަރު ވިދާޅުވި ގޮތުގައި ސިޓީއަަކީ ފަރުބަދައެއްގެ މަތީގައި އޮންނަ ސިޓީއަކަށް ވާތީ ސުނާމީގެ ނުރައްކަލެއް ނެތް ކަމަށެވެ. އަދި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.
ކަމްޗެޓްކާ ކައިރީއަށް ބާރުގަދަ ބިންހެލުމެއް އައިސް، ސެވަރޯ-ކުރިލްސްކްއަށް ސުނާމީގެ އިންޒާރު ދިނުމާއެކު، ސުނާމީގެ ނުރައްކާ އޮތް ސަރަހައްދުތަކުން މީހުން ވަނީ ހުސްކޮށްފައެވެ. އަދި ދިމާވި ޙާދިސާތަކާއި ގުޅިގެން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައެވެ.