މިލައުތުރު

އުމްރާއަށް ގެންދިއުމުގެ ނަމުގައި މަކަރާ ހީލަތުން ފައިސާ އަތުލުމަށް ފަހު ފިލި އަސްކޮއި ގުރޫޕަށް ފިޔަވަޅު އަޅައިފި.

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއާސްއިން އުމްރާއަށް ގެންދާނެ ކަމަށް ބުނެ ފޯކައިދޫގެ 28 މީހަކަށް ލަނޑުދީފައި ފިލާފައިވާތީ އަސްކޮއި ގުރޫޕަށް ފިޔަވަޅުތަކެއް އެޅުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އެ ގުރޫޕަށް ފައިސާ ދެއްކި މީހުންނަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ގަލްފް ހަނގުރާމައިގެ ސަބަބުން ޖުލައި 24 ވަނަ ދުވަހު އުމްރާއަށް ފުރަން ހަމަޖެހިފައި އޮތް ދަތުރު ދެވެން ނެތް ކަމަށެވެ. އަސްކޮއި ގްރޫޕުން ލަނޑުދިން 28 މީހުންގެ ތެރެއިން ކޮންމެ މީހަކު 25،500 ރުފިޔާ އެކުޖުމްލަ 714،000 ރުފިޔާ ވަނީ އެ ގުރޫޕަށް ދައްކާފައެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، އުމްރާއަށް ދިޔުމަށްޓަކައި ފައިސާ ދައްކާފައިވާ މީހުން އެމީހުންގެ ޕާސްޕޯޓާއި މުހިންމު ލިޔެކިޔުންތައް ހޯދުމަށް އެ ކުންފުނީގެ އިސްވެރިޔާއަށް ގުޅަން ކުރި މަސައްކަތްވެސް ކާމިޔާބުވެފައި ނުވާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި، ކުންފުނީގެ ވެރިންނަށް ރަސްމީގޮތުން ގުޅަން ކުރި މަސައްކަތް ވެސް ނާކާމިޔާބު ވެފައިވާ ކަމަށެވެ.

މިދިޔަ ރޯދަމަހުގެ ފަހު 15 އާއި ޝައްވާލު މަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް އުމްރާއަށް ދިއުމަށް އެއް އާއިލާއެއްގެ ހަ މީހެއްގެ އަތުން ފައިސާ ނެގުމަށްފަހު އުމްރާއަށް ނުގެންދިޔަ މައްސަލައިގައި ކުރިންވެސް ވަނީ 130،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޑެޓުގެ ވެރިންނަކީ އަބްދުﷲ ރަޝީދާއި އަހްމަދު ސަނިލްއެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟