މި ޖުލައި 24 ގައި އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ މާތް މަޤުޞަދުގައި ށ. ފޯކައިދޫގެ 28 މީހަކު ވަނީ އަސްކޮއި އުމްރާ ގުރޫޕަށް ފައިދާ ދައްކާފައެވެ. ނަމަވެސް، އުމްރާއަށް ގެންދެވެން ނެތްކަމަށް ކުއްލިގޮތަކަށް އެންގުމަށް ފަހު، އެ ގުރޫޕުގެ ވެރިން މިހާރު ވަނީ ފިލާފައެވެ.
ދާއިރާގެ ރައްޔިތުންތަކަކަށް މިފަދަ ބޮޑު ހިތްދަތިކަމެއް ކުރިމަތިވުމުން ކޮމަންޑޫ ދާއިރާގެ މަޖިލިސް މެންބަރުގެ އެއްވެސް ކަންބޮޑުވުން ފާޅުކުރެއްވުމުގެ ބަހެއް ވެސް ވިދާޅުވާ އަޑެއް އަދި ނީވެއެވެ. ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި އަސްކޮއި އުމްރާ ގުރޫޕަކީ ށ. ކޮމަންޑޫ މީހަކަށް ނިސްބަތްވާ ގުރޫޕަކަށް ވާތީ، ދާއިރާގެ މަޖިލިސް މެންބަރު ހުރީ ވަރަށް ބޮޑަށް ފިތިފައެވެ. ކޮމަންޑޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު އިބްރާހީމް އަކީ ވެސް ކޮމަންޑޫ ބޭފުޅެކެވެ. އެހެންކަމުން ގުޅުމެއް އޮތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
އުމްރާއަށް ގެންދިއުމަށް އަސްކޮއި ގުރޫޕުން ކޮންމެ މީހެއްގެ އަތުން 25،500 ރުފިޔާ ނަގާފައި ވެއެވެ. އަދި މިފައިސާ ނަގާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ފޯކައިދޫން 28 މީހުންގެ އަތުން ޖުމްލަ 714،000 ރުފިޔާ ނަގާފައި ވެއެވެ. ނަމަވެސް އުމްރާއަށް ނުގެންދެވޭތާ އެމީހުންނަށް ރީފަންޑް ވެސް ދީފައެއް ނުވެއެވެ.
ފޯކައިދޫ އިން ވާހަކަދެއްކި މީހަކު ކަންވީގޮތް ކިޔައިދެމުން ބުނިގޮތުގައި ރީފަންޑް ލިބިއްޖެނަމަ، އެހެން ގުރޫޕަކުން 26 ޖުލައިގައި ފުރުމުގެ ފުރުޞަތު އަދިވެސް އެބަ އޮތްކަމަށެވެ. ނަމަވެސް ފޯނު ނިއްވާލުމަށްފަހު ގުރޫޕުގެ ވެރިން ވަނީ ވީނުވީއެއް ނޭނގި ފިލާފައެވެ.
އިކޮނޮމިކް މިނިސްޓްރީގެ ފިޔަފާރި ޕޯޓަލްގައިވާ ގޮތުން މި ގުރޫޕްގެ އިސްވެރިޔަކީ އަބްދު ﷲ ރަޝީދު ނަމަކަށް ކިޔާ މީހެކެވެ. އަދި ހިއްސާދާރުންނަކީ އަބްދު ﷲ ރަޝީދު އާއި އަޙްމަދު ސަނިލްއެވެ. މިއީ ކުރިންވެސް ބަޔަކަށް ލަނޑުދީގެން އިސްލާމީ ކަންތައްކާބެހޭ ވުޒާރާއިން 130،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ގުރޫޕެކެވެ. އެހެން ނަމަވެސް ކުރިން ފަހަރު ލަނޑުދިނީ އަސްކޮއި ހައްޖު އެންޑް އުމްރާގެ ނަމުގައެވެ. މިފަހަރު ކަށިޖެހީ އަސްކޮއި ޓްރެވަލް ސާވިސަސްގެ ނަމުގައެވެ.
2 Replies to “ފޯކައިދޫގެ އެތައް ބަޔަކަށް އަސްކޮއި ގުރޫޕުން ލަނޑުދީފައި ފިލީމާވެސް ދާއިރާގެ މެންބަރަށް ބޮޑުވަރިހަމަ.”
އަންތަރީސް
ދެން އަނެއް ފަހަރު އަސްކޮއި އިސްރާ މިޢުރާޖޭ ކިޔާފަ ގުރޫޕެއް ހަދާ. އާނ އެހެންޏާ ފަހެ މީން މީހަކަށް ލިބޭ އަދަބެއް އޮންނަނިއްޔެއް ނޫން. އުޅޭނެ ވައްތަރަކަށް އުޅެ ނަގަންވީނު. ޖޫރިމަނާ ދައްކާލެވޭނެތާ ބަޔަކު އަތުން އަނެއްކާވެސް އެތިވަރެއް ކައްވާލައިގެން.
ފޯކައިދޫ ސޮރު
ރާއްޖޭގެ ދައުލަތުގެ މުއައްސަސީ ނިޒާމު ވަނީ ބަނގުރޫޓުވެފައެވެ. ދިވެހިރައްޔިތުން ވަނީ ވަރަށް ނިކަމެތި ހާލުގައެވެ. ސިޔާސީވެރިންގެ އަޅުވެތިކަމުގައި ބަނދެލެވިފައެވެ. ރައްޔިތުން ތަކަކަށް ތިވަރުގެ ބޮޑު އަނިޔާއެއް ދިނުމުންވެސް ބަހެއް ބުނެލަނޭނެ ހިއްވަރު ވެސް ރައްޔިތުންގެ ނެތެވެ. މިހާރު ފޯކައިދޫގެ ރައްޔިތުން މިނިވަން ނަމަ ތިބެންޖެހޭނީ އިހުތިޖާޖުގަ އެވެ!
މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި