އިންޖީނެއް ހަލާކުވެގެން އަނެއްކާވެސް އައްޑޫ ސިޓީ އިން ކަރަންޓު ކަނޑަން ނިންމާފައިވާކަމަށް ފެނަކައިން އަންގައިފި އެވެ.
އައްޑޫގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ ފެނަކައިން ބުނީ އިންޖީނަކަށް މައްސަލައެއް ދިމާވެގެން ބައެއް ސަރަހައްދުތަކުން ވަކި ވަގުތަކަށް ކަރަންޓު ކަނޑާނެ ކަމަށެވެ. ފެނަކައިން ބުނީ ސެންޓްރަލް ޕަވާ ސްޓޭޝަންގެ ހާލަތު މިވަގުތު ހުރިގޮތުން، ޕީކް ލޯޑު ވަގުތު ތަކުގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ އެކި ސަރަހައްދުތަކުން އެއް ގަޑިއިރަށް ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށެވެ.
މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވަމުންދާ އެންމެހައި ދަތިތަކަށް ފެނަކައިން ވަނީ މައާފަށް އެދިފަ އެވެ.
އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން މުޅި އައްޑޫ އިން ރޭ ވެސް ވަނީ ގާތްގަނޑަކަށް ދެ ގަޑިއިރަށް ކަރަންޓު ކެނޑިފަ އެވެ.
މީގެ ކުރިންވެސް އައްޑޫއިން އެތައް ފަހަރެއްގެ މަތިން ވަނީ ކަރަންޓު ކެނޑިފައެވެ. އަދި މިކަމާ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތްއިން އައްޑޫއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންވެސް ވަނީ މި މައްސަލަ މަޖިލިސް މެދުވެރިކޮށް ކަމާބެހޭ އިދާރާތަކާ ހިއްސާ ކޮށްފައެވެ.
ކަރަންޓު ކެނޑުމާއި ގުޅިގެން އައްޑޫގެ ގިނަ ބަޔަކު ދަނީ މީސް މީޑިޔާގައި ކަންބޮޑުވުން ފާޅުކުރަމުންކަން ފާހަގަ ކުރެވެއެވެ.