މިލައުތުރު

ބަރަކާ ޗެރިޓީގެ ހިލޭ އެހީގެ ދަށުން ކ. ގުޅީ ސިއްހީމަރުކަޒުގައި ބިނާކުރާ މެޑިކަލް ލެބްގެ ބިންގާ އަޅައިފި.

ބަރަކާ ޗެރިޓީގެ ފަރާތުން ކ. ގުޅީ ސިއްހީމަރުކަޒުގައި އެޅުމަށް ހަމަޖެހިފައިވާ މެޑިކަލް ލެބޯޓަރީގެ ބިންގާ އަޅައިފިއެވެ.

މިކަމަށްޓަަކައި އިއްޔެގެ ހަވީރު ކ. ގުޅީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ލެބޯޓަރީގެ ބިންގާ އަޅުއްވައިދެއްވީ ސްވިސް ބަރަކާ ޗެރިޓީގެ ސީއީއޯ އާއި، ހުރާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޑރ. އަނާރާ ނައީމް އާއި ބަރަކާ ޗެރިޓީ މޯލްޑިވްސްގެ ރައީސް އަޙްމަދު ޒަކީއެވެ. މި ރަސްމިއްޔާތުގައި ސިއްހީ ވުޒާރާގެ ބައެއް އިސް ވެރިންނާއި، ރަށު ކައުންސިލްގެ ވެރިންގެ އިތުރުން ސިއްހީމަރުކަޒުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މެޑިކަލް ލެބަކީ ޒަމާނީ ފެންވަރަށް ތަރައްްޤީ ކުރެވޭ ލެބެއް ކަމަށާއި، ތަކެތި ރައްކާކުރާގެ ގުދަނެއްގެ އިތުރުން ފާޚާނާއެއް ހިމެނޭގޮތަށް އިމާރާތްކުރުމުގެ ހުރިހާ ޚަރަދެއް ކުރަނީ ބަރަކާ ޗެރިޓީގެ ފަރާތުންނެވެ. އަދި ލެބަށް ބޭނުންވާ މެޝިނަރީ އާއި އިކްއިޕްމަންޓާ އެހެނިހެން ވަޞީލަތްތައް ހަމަޖައްސަވައިދެއްވަނީ ސިއްހީ ވުޒާރާގެ ފަރާތުންނެވެ.

ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ތެރޭގައި ނިންމާ ޚިދުމަތަށް ހުޅުވާލުމަކީ ބަރަކާ ޗެރިޓީ އާއި  ކ. ގުޅީ ސިއްހީ މަރުކަޒުގެ އަމާޒެކެވެ. މި މަޝްރޫޢަށް ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކުން ދެއްވާ އެހީތެރިކަމަށްޓަކައި ބަރަކާ ޗެރިޓީގެ ފަރާތުން ޝުކުރު އަދާކުރައްވައެވެ.