ވެރިރަށް މާލޭގައި ކާނިވަލެއް ތަރައްގީކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ. އެގޮތުން މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ މާލެ ބީޗް ވޮލީ ކުޅޭ ސަރަހައްދުގެ ފަހަތުގައިވާ ހުސް ބިމުގައި ކާނިވާއެއް ތަރައްގީކޮށް ސެލްފް ފައިނޭންސް އުސޫލުން ދިގުމުއްދަތަކަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް އޮގަސްޓް މަހުގެ ނުވަވަނަ ދުވަހުގެ ހެނދު 9:00 އަށް އެ މާލެ ސިޓީ ކައުންސިލަށް ދިއުމަށް އިއުލާނުގައިވެއެވެ. އަދި އަގު ހުށްހެޅުމަށް އޮގަސްޓް މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 9:00 އަށް އެ އިދާރާއަށް ހާޒިރުވުމަށް ވެސް އިއުލާނުގައިވެއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މައުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް މައުލޫމާތު ހިއްސާކުރެވޭނެ ކަމަށެވެ. އަދި މައުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތަތަކުގެ އާންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމަށެވެ.