މިސްރުގެ ބައެއް މުސްލިމުން ޕްލާސްޓިކް ފުޅިފުޅިއަށް ކާއެއްޗެހި އަޅައި، ޣައްޒާއާ ދިމާލުން ކަނޑަށް ދޫކުރުމަށް ފަހު، ރޮމުން ދުޢާ ކުރަނީ އެތަކެތި ޣައްޒާއަށް ފޯރުކޮށްދެއްވާތޯ އެވެ.
އެފަދަ މީހެއްގެ ވީޑިއޯއެއްގައި ބުނަނީ ”ޣައްޒާގެ ރައްޔިތުން އަހަރެމެންނަށް މާފުކުރޭ.. އަހަރެމެންނަށް ތިޔަ އަޚުންނަށް އެއްވެސް ކަމެއް ކޮށެއް ނުދެވޭ. ފަހަރެއްގައި މި ކުޑަކުޑަ ފުޅިއަކީ ޤިޔާމަތް ދުވަހު އަހަރެން ސަލާމަތްވާ ސަބަބަކަށް ވެދާނެ“ މިހެންނެވެ.
މިސްރުގެ ސަރުކާރުން ޣައްޒާއަށް އަޅާނުލާތީ، އެމީހުން އިންތިހާއަށް ހިތާމަކުރާ ކަމަށާއި، އެއްވެސް ބާރެއް އޮތްނަމަ ޣައްޒާއަށް އެހީތެރިނުވެ ކުރާނެ އެހެން އެއްވެސް ކަމެއް ނެތްކަމަށެވެ.
އަދި ރޮމުން ދުޢާކުރަމުން ބުނީ މިފަދައިންނެވެ. ”ޔާ الله، ކަނޑުތަކުގެ ވެރިރަސްކަލާނގެ ކަމުގައިވާ އިބަރަސްކަލާނގެ، ބޮޑު ރާޅުތަކުގެ ތެރެއިން ނަބިއްޔާ ނޫޙު އަަލައިހިއްސަލާމް އުފުއްލެވިއެވެ. ޔާ الله، ކަނޑުތަކުގެ ވެރިރަސްކަލާނގެ، އިބަރަސްކަލާނގެ ނަބިއްޔާ މޫސާ އަލައިހިއްސަލާމަށްޓަކައި ކަނޑު ފަޅިފަޅި ކޮށްލެއްވިއެވެ. މި ކުޑަކުޑަ އެހީ ޣައްޒާއަށް ފޯރުކޮށްދެއްވާށި“ އެވެ.