މިލައުތުރު

ޣައްޒާގެ ޅަދަރިންކޮޅު ބަނޑަށް މަރުވަނީ، މިސްރު ބޯޑަރުގައި 20،000 ޓްރަކުގެ ކާބޯތަކެތި ހިފަހައްޓާފައި.

ޣައްޒާގައި ކޮންމެ ދުވަހަކު އެތައް ބަޔަކު ބަނޑަށް މަރުވަމުންދާ އިރު، މުސްލިމް ދައުލަތެއް ކަމުގައިވާ މިސްރުގެ ބޯޑަރުގައި 20،000 ޓްރަކުގެ ކާބޯތަކެތި އެތެރެވުން މަނާކޮށް ހިފަހައްޓާފައިވާ ކަމަށް އދ ކަމާބެހޭ އިދާރާއާ ޙަވާލާދީ އަލްޖަޒީރާގައި އިއްޔެގައި ރިޕޯޓް ކޮށްފިއެވެ.

މި ޚަބަރަކީ ޣައްޒާއަށް ހެޔޮ އެދޭ މުސްލިމުންނަށް ބޮޑު ހައިރާންކަމެއް ލިބި، މިސްރުގެ ރައީސް ސީސީއަށް ނަފުރަތުގެ ބަސްތަކާއި ބަދު ދުއާތައް ބަންޑުންވާން ފެށި ޚަބަރެކެވެ. ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވެން އޮތީ މިސްރަށް ކަމަށް ވެފައި، މިސްރުގެ ސަރުކާރުން އެކަމަށް އިހުމާލުވާތީ، އެ ޚުދު ޤައުމުގެ ރައްޔިތުން ވެސް ގެންދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.

ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި ސީސީ އަކީ ވެސް އިޒްރޭލަށް ތާއީދުކުރާ ޔަހޫދީއެކެވެ. އަދި އަނެއް ބަޔަކު ބުނާގޮތުގައި އެއީ އެމެރިކާގެ ބާރުވެރިކަމުގައި ކޮމްޕްރޮމައިޒް ވެފައި ހުރި އަރަބި ވެރިޔެކެވެ. އަދި އެންމެ ބޮޑު ހިތާމައަކީ ބޮޑެތި ނަފާ ލިބޭ ގޮތަށް މެނޫނީ ކުޑަ އެތިކޮޅެއް ވެސް ޣައްޒާއަށް އެތެރެވިޔަނުދޭ ކަމެވެ.