އިޒްރޭލުން ޣައްޒާ ހިފުމަށްޓަކައި ހަމާސް އެއްކޮށް ނައްތާލުމުގެ އަސްކަރީ އޮޕަރޭޝަނަށް ތައްޔާރުވާން ފަށައިފި އެވެ. މި ކަމަށް އިޒްރޭލުގެ ކެބިނެޓުން ރުހުންދިނުމާއެކު ނަތަންޔާހޫ ގެންދަނީ އޭނާގެ ބައިވެރިންނާއެކު މަޝްވަރާތައް ކޮށް، ދުނިޔޭގެ ޕްރެޝަރު ކުޑަކުރުމަށް ލޮބީކުރަމުންނެވެ.
ޣައްޒާ ހިފުމުގެ މިލިޓަރީ އޮޕަރޭޝަނަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި، ބޮޑު އަގެއް އަދާކުރަން ޖެހޭނެ ކަމަށް އެމީހުންގެ ސިފައިންގެ އިސްވެރިޔާ ވެސް ވަނީ ބުނެފައެވެ. އެހެން ނަމަވެސް ކެބިނެޓުން ނިންމީ ޣައްޒާ ހިފުމުގެ ރޭވުން ތަންފީޒުކުރުމަށެވެ.
އިޒްރޭލުގެ ސިފައިންގެ ވެރިޔާ ބުނާގޮތުގައި މި އޮޕަރޭޝަނަށް އިތުރު ދެ ލައްކަ ސިފައިން ބޭނުންވާނެ ކަމަށެވެ. އަދި އެވަރަށް ރިޒާވް ފޯސް ވެސް އިތުރުކުރާން ޖެހޭނެ ކަމަށެވެ.
ނަތަންޔާހޫ ބުނަނީ އިޒްރޭލުން ޣައްޒާގައި ވެރިކަން ކުރަން ނޫޅޭ ކަމަށާއި، ޣައްޒާގައި ވެރިކަން ކުރާނީ ޣައްޒާގެ އޮތޯރިޓީން ކަމަށެވެ. އެހެން ނަމަވެސް ޣައްޒާ ހިފުމުގެ ރޭވުމާގުޅޭ ލީކް ވެފައިވާ ބައެއް ލިޔުންތަކުން ހާމަވާގޮތުގައި އެއީ ބޮޑު އޮޅުވާލުމެކެވެ. އެމީހުންގެ ޙަޤީޤީ ރޭވުމަކީ ޣައްޒާ އަކީ އިޒްރޭލްގެ ބަޔަކަށް ހެދުމާއެކު ޣައްޒާގެ ރައްޔިތުން ރެފިއުޖީންގެ ގޮތުގައި ފައްސާލުމަށް ފަހު، ހަޔޫދީން ވަޒަންވެރި ކުރުމެވެ.
އިޒްރޭލުން ބުނާގޮތުގައި މިކަމާ ދެކޮޅަށް އެއްވެސް ކަމެއް ކުރާ ކޮންމެ ޤައުމަކީ އެމީހުންގެ ދުޝްމަނުންކަމަށެވެ. މިހާރު ވެސް ވަރަށް ގިނަ ޤައުމުތަކުން މިކަމާ ދެކޮޅު ހަދައިފިއެވެ. އެއްކޮޅަށް ވަކާލާތުކުރަނީ ވަށައިގެންވާ އަރަބި މުސްލިމް ޤައުމުތައް ކަމަށްވާ މިސްރާއި، ސައުދީ އަރަބިޔާ އާއި ޤަތަރު ފަދަ ޤައުމުތަކުންނެވެ.
ދިވެހިރާއްޖެ އާއި އެކުވެރި ދައުލަތްތަކުގެ ވެރިޔާ ވެސް ވަނީ މިކަން ކުއްވެރިކޮށް، ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައެވެ.