ޝާން މުޙައްމަދު

ޣައްޒާއަކީ ފަލަސްތީނު ރައްޔިތުންގެ ތަނެއް، އިޒްރޭލަށް އެތަން ހިފުމުގެ އެއްވެސް ޙައްޤެއް ނެތް: ޗައިނާ

ޣައްޒާއަކީ ފަލަސްތީނުގެ ރައްޔިތުންނަށް ނިސްބަތްވާ ތަނެއް ކަމަށް ޗައިނާއިން ބުނެފިއެވެ. ޗައިނާއިން މިހެން ބުނީ ޣައްޒާއާ ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހުން ބޭއްވި ކުއްލި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެގައުމުން އދ. އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ފޫ ކޮންގްއެވެ.

ފޫ ވިދާޅުވީ އިސްރާއީލުން ޣައްޒާ ހިފުމަށް ކުރާ ހުރިހާ މަސައްކަތެއް ޗައިނާއިން ވަރުގަދައަށް ދެކޮޅު ހަދާ ކަމަށެވެ. އަދި ޣައްޒާއަކީ ފަލަސްތީނުގެ ރައްޔިތުންނަށް ނިސްބަތްވާ ތަނެއް ކަމަށާއި އެއީ ފަލަސްތީނުގެ ސަރަހައްދުގެ މުހިންމު ބައެއް ކަމަށް ވިދާޅުވިއެވެ. އަދި ޑިމޮގްރަފިކް އަދި ސަރަޙައްދީ އޮނިގަނޑަށް ބަދަލު ގެންނަން މަސައްކަތް ކުރާ ކޮންމެ އަމަލަކީ ވެސް އިންތިހާއަށް ދެކޮޅުވެރިކަމާ ކުރިމަތިލާން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަސްކަރީ ވެރިކަމުގެ ވަހުމު ދޫކޮށްލަން ޖެހޭ ކަމަށްވެސް ފޫ ވިދާޅުވިއެވެ. އަދި ވަގުތުން ހަނގުރާމަ ހުއްޓާލުމަކީ ފުރާނަ ސަލާމަތްކޮށް ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުން ޔަގީން ކުރުމަށް އޮތް ހަމައެކަނި ރަނގަޅު ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.