މިލައުތުރު

ށ. މަޑިކުރެއްދޫ 22 އަހަރަށް ކުއްޔަށް ދީފައިވާކަމަށް ބުނެ އަތޮޅު ކައުންސިލުން މީހަކަށް އޮޅުވާލައިފި.

ށ. އަތޮޅުގައި ދަނޑުވެރިކަމަށް ޚާއްސަ ރަށެއް ކަމަށްވާ މަޑިކުރެއްދޫ، ދަނޑުވެރިކަމާބެހޭ ވުޒާރާއިން 22 އަހަރަށް ބަޔަކަށް ކުއްޔަށް ދީފައިވާ ކަމަށް ބުނެ އެ ރަށް ވަގުތީ ގޮތުން ބަލަހައްޓަމުން ގެންދިޔަ މީހާއަށް އޮޅުވާލައިގެން އެ ރަށުން ބާލައިފި އެވެ.

ކުރިން އެ ރަށް ކުއްޔަށް ދޫކޮށްފައިވަނީ އެފް ޑަބްލިޔޫ ކޮންސްޓްރަކްޝަން ކޮމްޕެނީ އަށެވެ. އެ ކުންފުންޏަށް ދީފައިވާ މުއްދަތު ހަމަވުމާގުޅިގެން މިހާރު ވަނީ އެ ރަށް ދަނޑުވެރިކަމާބެހޭ ވުޒާރާއަށް ނަގާފައެވެ. އެ ކުންފުނިން އެރަށުގައި ދަނޑުވެރިކަން ކުރި ދުވަސްވަރުން ފެށިގެން ރަށް ބަލަހައްޓަމުން ގެންދިޔައީ މުޙައްމަދު އަބްދުއްރަޙްމާން ނަމަކަށް ކިޔާ ފޯކައިދޫ މީހެކެވެ. އޭނާ ކިޔައިދިން ގޮތުގައި، ނިމިދިޔަ އެންމެ ބާރު ވިއްސާރައިގެ ތެރޭގައި ވަރަށް ކުއްލި ގޮތަކަށް އެ ރަށުގައި ހުރި އޭނާގެ ތަކެެއްޗާއެކު ރަށުގައި ތިބި މީހުން ބޭލުމަށް ށ. އަތޮޅު ކައުންސިލުން ދިނީ ދެ ދުވަހުގެ ކުރު މުހުލަތެއް ކަމަށާއި، ބާރު ވަޔާ ވިއްސާރައިގާ ކުޑަ ޑިންގީއެއްގައި ބައެއް ތަކެއްޗާއެކު ރަށުން ފައިބަން ކުރަންޖެހުނީ ނުރައްކާތެރި އަދި ބިރުވެރި ދަތުރުތަކެއް ކަމަށެވެ.

އޭނާ ކިޔައިދިން ގޮތުގައި އަތޮޅު ކައުންސިލުގެ ކޮންމެވެސް އިސް ބޭފުޅަކު ފޯނުން ގުޅުއްވާފައި ވިދާޅުވިގޮތުގައި މަޑިކުރެއްދޫ ވަނީ ށ. ފީވަކު އަޙްމަދު މަނިކު ނަމަކަށް ކިޔާ މީހަކަށް 22 އަހަރަށް ކުއްޔަށް ދީފައެވެ. އަދި އެކަމާ ގުޅޭ ލިޔެކިއުންތައް އެ އޮފީހަށް ލިބިފައިވާ ކަމަށެވެ. އަދި އެފަދަ ލިޔުމެއް އޮތްނަމަ ކޮޕީއެެއް ދިނުމަށް އެދުމުން ސަރުކާރުގެ އެފަދަ ސިއްރު ލިޔުންތައް އާންމު ނުކުރެވޭނެ ކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް ފަހުން ދަނޑުވެރިކަމާބެހޭ ވުޒާރާއަށް ގުޅުމުން އެއްވެސް ފަރާތަކަށް އެރަށް ކުއްޔަށް ދީފައި ނުވާކަމަށް ވިދާޅުވި ކަމަށެވެ. އެހެންކަމުން މިއީ ބޮޑު އޮޅުވާލުމެއްގެ ތެރޭގައި ހިންގި ޖަރީމާއެއް ކަމަށެވެ.

ފޯކައިދޫން މަޢުލޫމާތު ދިން މީހަކު ބުނިގޮތުގައި އެ ރަށް ކުއްޔަށް ނަގާފައިވާ ކަމަށް ބުނާ ފީވަކު މިހާ އެ ރަށް ބޭނުންކުރަން އުޅެނީ ރ. އަތޮޅުގައި ތަރައްޤީކުރާ ރިސޯޓެއް ފެހިކުރުމަށް ބޭނުންވާ ގަސް ވިއްކުމަށެވެ. އެ ރަށުން މަގޫ ގަސްހާއި، ކަށިކެޔޮ ގަހާއި، ކުދި ރުއް ވިއްކުމުގެ ބޭނުމުގައެވެ. އެއްވެސް ޙާލެއްގައި ދަނޑުވެރިކަމުގެ މަސައްކަތެއް ކުރުމަަކަށް ވެސް ނޫން ކަމަށެވެ.

ށ. އަތޮޅު އޮފީހުން މިކަމާބެހޭ ގޮތުން ގުޅުއްވި އިސްވެރިޔަކީ ކޮން ބޭފުޅެއް ކަމެއް ކަށަވަރު ކުރެވޭގޮތެއް އަދި ނުވެއެވެ.

3 Replies to “ށ. މަޑިކުރެއްދޫ 22 އަހަރަށް ކުއްޔަށް ދީފައިވާކަމަށް ބުނެ އަތޮޅު ކައުންސިލުން މީހަކަށް އޮޅުވާލައިފި.”

  1. ފުނަދޫ ހަސަނު

    ތީ ޝިއަންޓޭ ހިންގާލި ޖަރީމާއެއް ކަމަށް ވަނީ

  2. GALHI

    Mulhin ves olhuvaalun dho othee misarukaarugai thiyaee ves meehakah dhin lagaa eh.

  3. Anonymous

    Raghlu

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި