ޝާން މުޙައްމަދު

އެލްޖީއޭ އާއި ކައުންސިލްތައް ފަދައިން އީޕީއޭ އަކީ ވެސް ބާރެއްނެތް ތަނަކަށް

މި ސަރުކާރުން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ބާރެއްނެތް ތަނަކަށް ހަދަން އުޅޭތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރައީސް ސޯލިހު ކަންބޮޑުވުން ފާޅުކުރެއްވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އީޕީއޭގެ ނަން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ ނަމަަށް ބަދަލުކުރައްވާ، އެއީ ސީދާ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ދަށުން ހިނގާ އިދާރާއެއްގެ ގޮތުގައި ހަމަޖެއްސެވުމާ ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހު ވިދާޅުވީ އީޕީއޭއަށް ސަރުކާރުން ގެންނަން އުޅޭ އިސްލާހުތަކަކީ އީޕީއޭގެ ބެލުމުގެ ދަށުން ކަންކަން ކުރުން އެއްކިބާކޮށް، އީޕީއޭއަކީ އެއްވެސް ބާރެއްނެތް މުއައްސަސާއަކަށް ހެދުން ކަމަށެވެ. އަދި މިއީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

އަދި މިއީ މަސައްކަތަކީ ސަރުކާރުން ކަންކަން ކުރާގޮތް ބެލުމުގެ ޒިންމާ އަދާކުރާ އަދި ގަވާއިދުތައް ތަންފީޒުކުރާ މުއައްސަސާތައް ނައްތާލައި، ޑިމޮކްރަސީގެ ރައްކާތެރިކަން ދެމެހެއްޓުމަށް ހުރި ވަސީލަތްތައް ނިކަމެތިކުރުމަށް ރާވައިގެން ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ބޮޅެއް ކަމަށެވެ.