ށ. ފޯކައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މަދަހަ މުބާރާތުގައި މިއަހަރު ވެސް ފަނޑިޔާރުކަން ކުރައްވަނީ މަޝްހޫރު ލަވަކިއުންތެރިޔާ ޝަލަބީ އެވެ.
މިއީ ފޯކައިދޫ ޑަބްލިޔޫޑީސީން ބާއްވާ މިފަދަ ތިންވަނަ މަދަހަ މުބާރާތެވެ. މިދަިޔަ އަހަރުގެ މަދަހަ މުބާރާތުގައި ވެސް ޝަލަބީ ފަނޑިޔާރުކަން ކުރެއްވިއެވެ. އެހެންކަމުން ފޯކައިދޫގައި މި މުބާރާތައް ބޮޑު ތަރުޙީބެއް ލިބެއެވެ. އަދި ޝަލަބީގެ ވަރަށް ބޮޑު ފޭންބޭސްއެއް ފޯކައިދޫގައި އޮވެއެވެ.
ހުރިހާ އުމުރުފުރައަކަށް ފުރުޞަތު ހުޅުވާލެވިގެން ބާއްވާ މި އަހަރުގެ މުބާރާތުގައި ޖުމްލަ 121 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. ފޯކައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ މަރިޔަމް ލުއާ ވިދާޅުވި ގޮތުގައި މި މުބާރާތުގައި 50 އަހަރުން މަތީގެ މީހުން ވެސް ބައިވެރިވެފައި ވެއެވެ. ރީތި ފުރިހަމަ ހުށަހެޅުންތަކެއް ފެނިގެންދިޔަ މި މުބާރާތް އިންތިޒާމުކުރުމުގެ އެންމެ ބޮޑު އެއް ހިއްސާދާރަކީ ފޯކައިދޫ ކައުންސިލް ކަމުގައި ފާހަގަކޮށް އެފަރާތަށް ޝުކުރު އަދާކުރެއްވި އެވެ.
ރޭގެ ނިޔަލަށް ހުރިހާ ހުޅަހެޅުންތަކެއް ވަނީ ނިމިފައެވެ. މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމީ ޖަލްސާ މިރޭ 20:30 ގައި ފޯކައިދޫ ސްކޫލް ހޯލުގައި އޮންނާނެއެވެ. މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ އިނާމުދިނުމުގެ ޙަފުލާގެ ޝަރަފުވެރި މެހެމާނަކީ ފޯކައިދޫ ކައުންސިލްގެ ރައީސް އަޙްމަދު އާސިފް އެވެ.