މިލައުތުރު

ޕާކިސްތާނުން އުރަމަތީ ކެންސަރަށް ވެކްސިނެއް އީޖާދުކޮށްފި.

ޕާކިސްތާނުގެ ޕަންޖާބު އިންސްޓިޓިއުޓް އޮފް ޕަބްލިކް ހެލްތުން އުރަމަތީގެ ކެންސަރަށް ވެކްސިނެއްގެ ޓެސްޓުތައް ކާމިޔާބު ކޮށްފި އެވެ.

އެ ގައުމުން އުރަމަތީގެ ކެންސަރަށް ފަރުވާއެއް ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސްފައިވަނީ، އަންހެނުންގެ މެދުގައި އިތުރުވަމުންދާ އުރަމަތީގެ ކެންސަރުގެ މައްސަލަތަކަށް ފަރުވާއެއް ހޯދުމުމުގެ މާތް މަޤުޞަދުގައެވެ.

ޕާކިސްތާނުގެ ހެލްތު އޮފިޝަލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މިއީ އެޗްޕީވީ (ހިއުމަން ޕެޕިލޯމާވައިރަސް)  އާއި ގުޅޭ ދިރާސާތަކުގެ ތެރެއިން އުފަންވެފައިވާ ވެކްސިނެކެވެ. ކޮމާޝަލްކޮށް އުފެއްދުމާއި ބެހޭ ސިޔާސަތުތަކުގެ މަޝްވަރާތައް މިހާރު ވަނީ ފެށިފައެވެ. އެގޮތުން ޕަންޖާބު ޕްރޮވިންސްގެ މާލީ ވަޒީރު މުޖްތަބާ ޝުޖާ ވިދާޅުވީ މިއީ ސަރަޙައްދީ ސަރުކާރުން ޞިއްޙީ ދާއިރާއަށް ހޯދައިދެވޭ ބޮޑު ކާމިޔާބީއެއް ކަމުގައެވެ.

ޕްރޮފެސަރ ޑރ. ޖާވިދު އަކުރަމް ވިދާޅުވި ގޮތުގައި 12 އަހަރުގެ އުމުރުގައި އަންހެން ކުދިންނަށް މި ވެކްސިންގެ ތިން ޑޯޒް ދިނުމުން، އުރަމަތީގެ ކެންސަރުން ރައްކާތެރިކަން އުމުރަށް ލިބިގެންދާނެކަމަށެވެ. އެހެންކަމުން ކެންސަރުގެ ސަބަބުން ޢާއިލާތަކަށް ކުރިމަތިވާ މާލީ އަދި ނަފްސާނީ ބުރަތައް ކުޑަވެގެންދާނެއެވެ. އަދި މި ވެކްސިން ޕާކިސްތާނުގެ ހުރިހާ ކަންކޮޅުތަކަކުން ލިބެން ފެށުމުން، މިސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް ކެންސަރާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އެހީތެރިވެވޭނެއެވެ.

ޞިއްޙީ އިދާރާތަކުން ބުނާގޮތުގައި މިހާރު ކުރިއަށްދަނީ އިތުރު ކްލިނިކަލް ޓްރަޔަލްތަކާއި ރައްކާތެރިކަން ޔަޤީން ކުރުމުގެ މަރުހަލާ ކަމަށާއި، ކައިރި މުސްތަޤުބަލެއްގައި މި ވެކްސިން ދިނުމުގެ ކެމްޕޭނުތައް ޤައުމީ ފެންވަރުގައި ފެށިގެންދާނެއެވެ.