ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓާލުމަށް އެއްބަސްވެފައިވާ މި ދަނޑިވަޅުގައިވެސް އެމީހުން ދަނީ ޣައްޒާއަށް ހަމަލާދީ މީހުންތައް މަރަމުންނެވެ.
ޣައްޒާގެ އޮފިޝަލުންނާ ހަވާލަދީ ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާގޮތުގައި އިސްރާއީލުން ވަނީ އެގައުމުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓާލުމަށްވި އެއްބަސްވުމާއި ހިލާފުވެ ޑްރޯން ބޭނުންކޮށް ވަރުގަދަ ހަމަލާއެއް ދީފައެވެ. މި ހަމަލާގައި ތިން މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.
ނިރުބަވެރި އިސްރާއީލުން މި ހަމަލާދީފައިވަނީ ސުލްހަވެފައިވާކަމަށް އިއުލާން ކުރުމުން ރަފާހުގެ ރައްޔިތުން އެސިޓީއަށް ގޮސް އެމީހުންގެ ގެތައް ފާސްކުރަމުން ދަނިކޮށެވެ.
އެމެރިކާގެ ހަތިޔާރު ބޭނުންކޮށްގެން ނިރުބަވެރި އިސްރާއީލުން ވަނީ މިދިޔަ ހަފްތާގައިވެސް ޣައްޒާގެ ގިނަ ބަޔަކު ބޯހިޔާވަހިކަން ހޯދަމުންދާ ނުސެއިރާތު ރެފިއުޖީ ކޭމްޕު ސަރަހައްދުގައި ހުރި ޓެންޓުތަކަށް ވެސް ހަމަލާދީފައެވެ. މި ހަމަލާގެ އިތުރު ތަފްސީލެއް އަދި ލިބިފައިވާއިރު މި ހަމަލާގައި މިހާތަނަށް އެކަކު ވަނީ ޝަހީދުވެފައެވެ. އަދި ގިނަ ބަޔަކު ޒަހަމްވެފައިވާކަމަށް ރިޕޯޓްތައް ލިބެއެވެ.
މި ހަނގުރާމައިގައި އަސީރުން ބަދަލުކޮށް ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލާއި ހަމާސްއިން އެއްބަސްވެފައިވާއިރު ރެއާ ހަމައަށްވެސް ދެގައުމުން ވަނީ އަސީރުން ބަދަލުކޮށްފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލް-ޣައްޒާ ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ފަލަސްތީނުގެ 46،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި އިސްރާއީލުގެ އަމުރުތަކާއި ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް 90 އިންސައްތަ މީހުން ވަނީ ގަދަކަމުން ގެދޮރުން ބޭރުކޮށްލާފައެވެ.