ފެނަކަ އައްޑޫ ސިޓީ ބްރާންޗުން ހިންގި ބޮޑެތި ކޮރަޕްޝަންތައް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފަޅާއަރުވައިފިއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނީ ފެނަކަގެ އައްޑޫ ސިޓީ ބްރާންޗުން 2021 އާއި 2023 އާ ދެމެދު ހިންގި މަޝްރޫޢުތަކުގައި ބޮޑެތި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެ ކުންފުންޏަށް 76 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައި ވެއެވެ.
ފެނަކައިގެ އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އައްޑޫ ބްރާންޗުން 2021 އާއި 2024 އާ ދެމެދު ހަތަރު މަޝްރޫޢެއް ހިންގާފައިވެއެވެ. އެއީ:
1. އާ ސެންޓްރަލް ޕަވަރހައުސް އިމާރާތެއް ތަރައްޤީކުރުން
2. ހިތަދޫގައި އާ އޮފީސް އިމާރާތެއް ތަރައްޤީކުރުން
3. މަރަދޫފޭދޫގައި އާ އޮފީސް އިމާރާތެއް ތަރައްޤީކުރުން
4. ހުޅުމީދޫގައި އާ އި އާ އޮފީސް އިމާރާތެއް ތަރައްޤީކުރުން
މިދިޔަ އަހަރުގެ ނިޔަލަށް ފެނަކަ އައްޑޫ ބްރާންޗުން ހިންގި މަޝްރޫޢުތަކަށް ޖުމްލަ 117,472,485 ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. މި މަޝްރޫޢުތައް ނިންމުމަށް ބޭނުންވާނެ ކަމަށް ލަފާކުރެވުނު އަދަދަކީ 109,063,500 ރުފިޔާ އެވެ ނަމަވެސް، މިހާރު މަސައްކަތް ހުރި ހިސާބުން ނިންމުމަށް އިތުރު 68,500,844 ރުފިޔާ ބޭނުންވާނެ ކަމަށް ބުނެފައިވެއެވެ. މިއީ ކުންފުންޏަށް 76,910,898 ރުފިޔާގެ ގެއްލުމެއް ވެފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ އެހެނިހެން މައްސަލަތަކުގެ ތެރޭގައި:
- ކުންފުނީގެ ޕެޓީ ކޭޝް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކުރުން
ޢާއިލާއާ ގުޅުންހުރި ވިޔަފާރިތަކުން ތަކެތި ގަތުން
ޕެޓީ ކޭޝް ނެގުމަށް ދޮގު ލިޔެކިޔުންތައް ބޭނުންކުރުން
ރަށުން ބޭރުން ގެނެވުނު މުވައްޒަފުންގެ ތަފްސީލުތައް ރެކޯޑްނުކުރުން
ވަގުތުން ހަލާކުވާ ޒާތުގެ ތަކެތި ވަގުތުން ބޭނުންނުކުރެވޭ ވަރަށް ގަނެ ރަނގަޅަށް ނުބެލެހެއްޓުން
ގަވާއިދާ ޚިލާފަށް މުވައްޒަފުންނަށް ކުރިއެރުން ދިނުމާއި ދާއިމީކުރުން
ގެއްލުމަށް ތަކެތި ކުއްޔަށް ދޫކުރުން
އާމްދަނީ މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކުރުން
ޖީއެސްޓީއަށް ރަޖިސްޓަރީ ނުކުރާ ކުންފުންޏަކަށް ޖީއެސްޓީ ދެއްކުން
77 މިލިއަން ރުފިޔާގެ ކަރަންޓާއި ފެނުގެ ބިލުތައް ނުދައްކާ ހުރުން
ގެއްލުނު ކޭބަލްތަކާ ގުޅިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަން ނޭނގުން
9 މިލިއަން ރުފިޔާގެ ފެން ލީކުވުން
ފެނުގެ ފެންވަރު ކަށަވަރުނުކުރުން ހިމެނެއެވެ.
މި މައްސަލައާއި ގުޅިގެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ކުންފުންޏަށް މާލީ ގެއްލުން ދިނުމާއި ވަކި ފަރާތްތަކަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގައި ބައިވެރިވި މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމަށާއި، މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް ލަަފާދީފައެވެ.