މިލައުތުރު

އޮޕަރޭޝަން ސިންދޫރުގެ ނަމުގައި ފިލްމު ކުޅުމަށް މިހާތަނަށް 30 އަށް ވުރެ ގިނަ ޕްރޮޑިއުސަރުން ރަޖިސްޓަރީ ކޮށްފި.

އިންޑިޔާގެ އަސްކަރިއްޔާ އިން ޕާކިސްތާނާ ދެކޮޅަށް ހިންގި އަސްކަރީ ޙަރަކާތް ”އޮޕަރޭޝަން ސިންދޫރު“ ގެ ނަމުގައި ފިލްމުތައް ކުޅުމަށް އިންޑިޔާގެ 30 އަށް ވުރެ ގިނަ ޕްރޮޑިއުސަރުން ނަން ނަޖިސްޓަރީ ކޮށްފި ކަމަށް އިންޑިޔާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފިއެވެ.

ދެ ޤައުމުގެ ދެމެދުގައި ޙަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމާއެކު އެންމެ ބާރަށް ހިނގި އެއްކަމަކީ އެންމެ ކުރިން އެ ނަން ރަޖިސްޓަރީ ކުރާ ފަރާތަކަށް ވުމަށްޓަކައި ޕްރޮޑިއުސަރުންގެ މެދުގައި އުފެދުނު ވާދަވެރިކަން ކަމަށް ބައެއް މީޑިޔާތައް ބުނެއެވެ.

އިންޑިޔާގެ ބައެއް މަޖިލިސް މެންބަރުން މިކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވަމުން ގޮވާލައްވާފައިވަނީ އޮޕަރޭޝަން ސިންދޫރުގެ ނަމުގައި ފިލްމު ކުޅެން އެއްވެސް ފަރާތަކަށް ހުއްދަ ދީގެން ނުވާނެ ކަމަށެވެ.

މިކަމަށް ފާޑުކިޔާ އަދި ޕާކިސްތާނަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ ޙަޤީޤީ ކުރިމަތިލުމެއްގައި އިންޑިޔާއަށް ކާމިޔާބު ނުވާނެ ކަމަށާއި، އެންމެ ރަނގަޅުވާނީ އޮޕަރޭޝަން ސިންދޫރުގެ ނަމުގައި ބޮލީވްޑް ފިލްމެއް ކުޅެ، ޕާކިސްތާން ބަލިކޮށްލުން ކަމަށެވެ. އެނޫން ގޮތަކަށް އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟