ޝާން މުޙައްމަދު

އަހަރުގެ ފުރަތަމަ 6 މަސްތެރޭ އެކަނިވެސް 1101 އެކްސިޑެންޓު ހިނގާފައިވޭ

މިހިނގާ 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްތެރޭ އެކަނިވެސް 1101 މަގުމަތީ އެކްސިޑެންޓު މާލޭ ސަރަހައްދުގައި ހިނގާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

އިއްޔެ ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައި ވަނީ ޖެނުއަރީ 1، އިން ޖޫން 30، އާއި ހަމައަށް މާލެ ސިޓީ، ސިނަމާލެ ބުރިޖު، އަދި މާލެ، ހުޅުލެ، އަދި ހުޅުމާލެއާއި ދެމެދު އޮންނަ ހައިވޭގައި ހިންގާފައިވާ އެކްސިޑެންޓުތަކެވެ.

މި ތަފާސްހިސާބުތަކުގައިވާގޮތުން މި އަހަރު އެންމެ ގިނަ އެކްސިޑެންޓުތައް ރިޕޯޓުކޮށްފައި ވަނީ ފެބްރުއަރީ މަހު އެވެ. އެ މަހު 215 އެކްސިޑެންޓު ރިޕޯޓުކޮށްފައިވާއިރު މެއި މަހު 207 އެކްސިޑެންޓު ރިޕޯޓުކޮށްފައިވެ އެވެ. އަދި މިދިޔަ ޖޫން މަހު ރިޕޯޓުކޮށްފައި ވަނީ 180 އެކްސިޑެންޓެވެ.

އެންމެ ގިނައިން ހިނގާ ބާވަތްތަކުގެ އެކްސިޑެންޓުތައް ވެސް ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން އެންމެ ގިނައިން އެކްސިޑެންޓުވާ ކަމަށް ފާހަގަކޮށްފައިވަނީ ސައިކަލާއި ކާރެވެ. އެގޮތުން މި މުއްދަތުގައި އެފަދަ 295 އެކްސިޑެންޓެއް ރިޕޯޓުކޮށްފައިވެ އެވެ. ދެން އެންމެ ގިނައީ ސައިކަލާއި ސައިކަލު ޖެހި ހިނގާފައިވާ އެކްސިޑެންޓެވެ. އެފަދަ 267 އެކްސިޑެންޓެއް ހިނގާފައިވެ އެވެ.

މީހެއް ނުވަތަ އުޅަނދެއްގައި ޖެހުމުން މަޑުނުކޮށް ދިއުމުގެ 91 މައްސަލައެއްވެސް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރަށް ދެ ކާރު ޖެހި ހިނގި 89 އެކްސިޑެންޓު އަދި ސައިކަލާއި ޕިކަޕު ޖެހިގެން ހިނގި 59 އެކްސިޑެންޓެއް ފުލުހުންނަށް މި ހަ މަސް ދުވަހުގެ ތެރޭ ރިޕޯޓުކޮށްފައިވެ އެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟