މިލައުތުރު

ފޯކައިދޫ ރަންތާޖު ޤުރުއާން މުބާރާތުގެ ފަޚުރުވެރި އެއްވަނަ އަދި ޢުމްރާ ދަތުރު އާޔާ ބިންތު މުޙައްމަދަށް

ށ. ފޯކައިދޫގެ ކުޅިވަރު ކުލަބެއް ކަމަށްވާ ބްލަޑް ބްރަދާސް ސްޕޯޓްސް ކްލަބްގެ ފަރާތުން އިންތިޒާމުކުރި ފުރަތަމަ ޤުރުއާން މުބާރާތް ކަމަށްވާ ”ފޯކައިދޫ ރަންތާޖު ޤުރުއާން މުބާރާތް-2025“ ގެ ފަޚުރުވެރި އެއްވަނަ އާޔާ ބިންތު މުޙައްމަދު ޙާޞިލް ކޮށްފިއެވެ.

ބްލަޑް ބްރަދާސްގެ ހިންގާ ކޮމިޓީގެ މެންބަރުން

މުޅި މުބާރާތުން އެއްވަނައަށް ހޮވުނީ އާޔާ ބިންތު މުޙައްމަދު، މަރާމް ށ. ފޯކައިދޫއެވެ. ދެވަނައަށް ހޮވުނީ އާމިނަތު ހުމައިދާ، ނިޔާމަ ށ. ފޯކައިދޫ އެވެ. ތިންވަނައަށް ހޮވުނީ ހަދާޔާ ބިންތު މުޙައްމަދު، މަރާމް ށ. ފޯކައިދޫ އެވެ.

އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ހޮވުނު ފަރާތްތައް

މި މުބާރާތަކީ ބޮޑެތި އިނާމުތަކެއް ހުށަހަޅާފައިވާ މުބާރާތެކެވެ. އެގޮތުން އެއްވަނަ އިނާމަކަށް ޢުމްރާ ދަތުރެއް، ދެވަނަ އިނާމަކަށް 8000 ރުފިޔާ އަދި ތިންވަނަ އިނާމަކަށް 5000 ރުފިޔާ އެވެ. އަދި މުބާރާތުގެ ތަފާތު އުމުރުފުރާތަކުން ވަނަތައް ޙާޞިލް ކުރި ފަރާތްތަކަށް ވެސް އިނާމާއި ހަނދާނީފިލާ ދީފައިވެއެވެ.

މި ޖުލައި 30 – 31 އަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ 41 ފަރާތަކުން ބައިވެރިވެފައި ވެއެވެ. މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދިޔައީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެއީ ބަލައިގެން ކިޔެވުމާއި ނުބަލާ ކިޔެވުމުގެ ދަންފަޅިއެވެ. އަދި ކޮންމެ ދަންފަޅިއެއްގައި 7 އުމުރުފުރާ ހިމެނެއެވެ.

މި މުބާރާތުގެ ފަނޑިޔާރުންނަކީ އަޙްމަދު ފިރާޤު، ކިނާރާގެ ށ. މިލަންދޫ އާއި، މުޙައްމަދު އިޝާމް، ކެކްޓަސް ށ. ފީވައް އަދި އަޙްމަދު މުޖްތަބާ، ދެކުނުގެ ށ. ނަރުދޫ އެވެ.

ފޯކައިދޫ ސްކޫލް ހޯލުގައި ރޭގައިި އޮތް އިނާމު ދިނުމުގެ ރަސްމީ ޖަލްސާގެ ޝަރަފުވެރި މެހެމާނަކީ ފޯކައިދޫ ކައުންސިލްގެ ރައީސް އަޙްމަދު އާސިފް އެވެ. މި ޙަފުލާގައި ކުލަބުގެ ރައީސް އާއި ހިންގާ ކޮމިޓީގެ މެންބަރުންގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ ޢިއްޒަތްތެރިން ބައިވެރިވިއެވެ.

މިއީ މިހާތަނަށް އަމިއްލަ ކްލަބު ޖަމިއްޔާއަކުން ފޯކައިދޫގައި ބޭއްވުނު މިފަދަ އެންމެ ބޮޑު ޤުރުއާން މުބާރާތެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟