ފ. މަގޫދޫ ކައުންސިލްގެ ދައުވަތަކަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު މިއަދު ހަވީރު އެ ރަށަށް ވަޑައިގަތުމުން ވަރަށް ހޫނު މަރުޙަބާއަކާ އެކު ރައްޔިތުންގެ ހިތުގައި އޮތް ލޯތްބާއި އިޙްތިރާމް ބަންޑުންކޮށްލައިފި އެވެ.
ރައީސް ސޯލިހަށް މަރުހަބާ ދެންނެވުމަށް ރައްޔިތުން ބަނދަރު ސަރަޙައްދަށް ޖަމާވެ ސަފުހަދާލީ ސަލާން ކޮށްލާ ސެލްފީއެއް ނަގާލުމުގެ ފުރުޞަތު ހޯދުމަށްޓަކައެވެ. އެމީހުންގެ ތަރައްޤީއަށް މުހިންމު ކަންތައްތަކެއް ކޮށްދެއްވި ވެރިޔަކަށް އިޙްތިރާމް އަދާކުރުމަށްޓަކައެވެ.
އެމަނިކުފާނު މިއަދު މަގޫދޫއަށް ވަޑައިގަތުމުން ރައްޔިތުންގެ ފަރާތުން އެރުވީ ވެރިކަމުގައި ހުންނެވި އިރުވެސް އަރުވާ ފަދަ ޢިއްޒަތާ ޝަރަފާ ޤަދަރެކެވެ. އަދި އެންމެހާ ކުޑަ ކުދިންނާއި، ޒުވާނުންނާއި، އުމުރުން ދުވަސްވީ މީހުންގެ މޫނުމަތިން ފެނުނީ އުފާވެރިކަމާއި ޝުކުރުވެރިކަމުގެ ހިނިތުންވުމެވެ.