ޝާން މުޙައްމަދު

ބަނޑުހައިހޫނުކަމުގައި 1 ދުވަސްތެރޭގައި ޣައްޒާގައި 263 މީހުން ނިޔާވެއްޖެ.

ބަނޑުހައިހޫނުކަމުގައި ފަލަސްތީނުގެ ޣައްޒާއިން އެއް ދުވަސްތެރޭ 263 މީހުން ނިޔާވެއްޖެއެވެ.

ބޭރުގެ މީޑިޔާތަކަށް މައުލޫމާތު ދެމުން ފަލަސްތީނުގެ ކަމާބެހޭ އިދާރާތަކުން ބުނީ ބަނޑުހައިހޫނުކަމުގެ ސަބަބުން އެއް ދުވަސްތެރޭ 263 މީހުން މަރުވެފައިވާކަމަށާއި އޭގެ ތެރޭގައި 112 ކުޑަކުދިން ހިމެނޭ ކަމަށެވެ.

ނިރުބަވެރި އިސްރާއީލުން ފަލަސްތީނަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ހުއްޓުވައި ބައެއް އެހީގެ ތަކެއްޗަށް ހަމަލާދިނުމުގެ ސަބަބުން ފަލަސްތީނުގައި ބަނޑުހައިހޫނުކަން ވަނީ އިންތިހާއަށް ކުރިމަތިވެފައެވެ. އެމެރިކާގެ އެހީއާއެކު އިސްރާއީލުން މި ހަރަކާތް ކުރިޔަށްގެންދާ މިހާރު ވަނީ 22 މަސް ވެފައެވެ.

މާރިޗް މަހާއި މެއި މަހުގެ މެދުތެރެއާ ދެމެދު އިސްރާއީލުން ވަނީ ޣައްޒާގެ ބޯޑަރު ސަރަހައްދު އެއްކޮށް ބަންދުކޮށް، ކާބޯތަކެއްޗާއި ފެނާއި އިންސާނީ އެހީތައް އެތެރެވުން ހުއްޓުވާފަ އެވެ. މި ބްލޮކޭޑްގެ ސަބަބުން ޣައްޒާގައި އިންތިހާއަށް ދަތިކަން ވަނީ ކުރިމަތިވެފައެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ ހަނގުރާމައިގައި މަރުވި ފަލަސްތީނުގެ މީހުންގެ އަދަދު 62،004 އަށް އަރާފައިވާ ކަމަށެވެ. އަދި އެކި ހަމަލާތަކުގައި 156،230 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މަރުވި ކަމަށް ރިޕޯޓުކޮށްފައިވާ މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟