ގޭންގުތަކުން ހިންގާ ކުށްތަކާއި، އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމާބެހޭ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވާތީ، މީގެ ފަހުން ދިވެހިރާއްޖޭގައި އެއްވެސް ގޭންގު ހަރަކާތެއް ނުހިންގޭނެއެވެ.
ކުރިން ބޮޑެތި ގޭންގުތައް ހަދައިގެން ބާރުވެރިކަން ހޯދައިގެން އުޅުނު މީހުންނަށް ދެން އެ ބާރުވެރިކަމެއް ނުހިފެހެއްޓޭނެއެވެ. އެހެނީ އެމީހުންގެ ނަމުގައި ގޭންގު ހަރަކާތްތައް ހިންގަން ޤާނޫނު ތަނެއް ނުދެއެވެ. އެފަދަ ޢަމަލެއް ކުޅަ މީހަކަށް ބޮޑެތި އަދަބުތަކާއެކު ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެއެވެ. އެހެންކަމުން އާންމުންނަށް ބިރުދައްކަމުން މަގުތައްމަތީ ހަޅޭއްލަވަމުން ބިރުވެރިކަން ފަތުރަން ގޭންގުތަކުން ހިންގާ ހަރަކާތްތައް ހިންގުމުގެ ފުރުޞަތު ދެން ނުލިބޭނެއެވެ.
ގޭންގު ކުށްޓައް ހުއްޓުވުމާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި އެއްވެސް މީހަކު، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް އުފެއްދުމަކީ ނުވަތަ ހިންގުމަކީ ކުށެކެވެ. އަދި އެފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 25 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު -/3،000،000 (ތިންމިލިއަން) ރުފިޔާއާއި -/10،000،000 (ދިހަމިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ.
ހަމަ އެހެންމެ، އިންތިޒާމުވެފައިވާ ކުށްކުރާ ގޭންގުތަކަށް މީހުން ހޯދުމަކީވެސް ކުށެއްކަމަށް ބަޔާންކޮށްފައިވާއިރު، އެ ޢަމަލުގެ ޝިކާރައަކަށްވީ ކުޑަކުއްޖަކު ކަމުގައިވާނަމަ، އެ ކުށް ކޮށްފި މީހެއްގެ އަދަބަކީވެސް 25 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު -/3,000,000 (ތިންމިލިއަން) ރުފިޔާއާއި -/10,000,000 (ދިހަމިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ. އެ ނޫން ޙާލަތްތަކުގައި 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، -/2,000,000 (ދެމިލިއަން) ރުފިޔާއާއި -/7,000,000 (ހަތްމިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
މިއީ މިދިޔަ މެއި މަހުގެ 15 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، 25 މެއި 2025 ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވާފައިވާ ޤާނޫނެކެވެ. މި ޤާނޫނަށް 25 އޮޮގަސްޓް 2025 ގައި މިވަނީ ޢަމަލުކުރަން ފަށާފައެވެ.