ޝާން މުޙައްމަދު

ރައީސް ނަޝީދު ހުންނެވީ ދިވެހި ނޫސްވެރިންނާ އެކު ބިލާ ދެކޮޅަށް

ނޫސްވެރިންގެ ދޫބަންދުކުރާ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވަން އެދިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ސަރުކާރުން ހުށައެޅި މި ބިލު އިއްޔެގެ ޖަލްސާގައި ވަނީ ބަލައިގަނެ، ކޮމިޓީ އަށް ފޮނުވައިފަ އެވެ. މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު މުހައްމަދެވެ.

މި ބިލާ މެދު ނޫސްވެރިންނާއި މީޑިއާތަކާ ގުޅުން ހުރި ޖަމިއްޔާތަކުން ވެސް ކަންބޮޑުވުން ފާޅުކުރަމުން އަންނަ އިރު، މީސް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ އެ ބިލާ އެ މަނިކުފާނު ދެކޮޅުކަން ހާމަކުރައްވައިފަ އެވެ. އެގޮތުން ނަޝީދު ވިދާޅުވީ އެ މަނިކުފާނަކީ ވެސް ލިޔުންތެރިއެއްގެ ގޮތުންނާއި ފާޅުކުރެއްވި ހިޔާލުތަކަކާ ގުޅިގެން ޖަލު ބަންދުގައި ދުވަސްތައް ހޭދަކުރަން ޖެހިވަޑައިގަތް ބޭފުޅެއް ކަމަށެވެ.

”ރައްޔިތުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ސަރުކާރަކުން ހުރަސް އަޅާ ނަމަ އެކަމުގެ ސަބަބުން ގައުމުގެ މިނިވަންކަމާއި ތަނަސްވަސްކަމަށް ހީނަރުކަން އަންނާނެ.“ ނަޝީދު ވިދާޅުވި އެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟