މިލައުތުރު

މާއުނގޫދޫ ބަޔޯނިކް ކުލަބު ފޯރީގައި ތައްޓަށް

ށ. މާއުނގޫދޫ ރައިޒު ޖަމްޢިއްޔާ އިން އިންތިޒާމް ކޮށްގެން ބާއްވާ ރައިޒް ފުޓްސަލް ޗެލެންޖު 2024 މިމަހު 22 ގައި ފެށުމަށް ވަނީ ހަމަ ޖެހިފައެވެ. މި މުބާރާތުގައި މާއުނގޫދޫ އަށް ނިސްބަތްވާ 5 ޓީމަކުން ވާދަ ކުރެއެވެ.

މި މުބާރާތަށް އެންމެ ފުރިހަމަ އަށް ފޯރީގައި ތައްޔާރުވަމުންދަނީ މާއުނގޫދޫ ކުޅިވަރުގެ ތާރީޚުގައި އެންމެ ގިނަ ކާމިޔާބީ ތަކެއް ހޯދި ކާމިޔާބު ކުލަބު ބަޔޯނިކުންނެވެ. އެކުލަބުގެ ކުޑައިގެ ދަށުން މި މުބާރާތުގައި 2 ޓީމެއް ވާދަ ކުރެއެވެ. އެއީ ބަޔޯނިކް އަދި ބަޔޯނިކް އެކަޑެމީ ޓީމެވެ.

ބަޔޯނިކް ޓީމަކީ މާއުނގޫދޫގައި މިހާތަނަށް ރަށު ފެންވަރުގައި ބޭއްވުނު އެންމެ އަގުބޮޑު މުބާރާތް މާއުނގޫދޫ ކައުންސިލް ކަޕް މިލުކު ކުރި ހަމަ އެކަނި ޓީމެވެ. މާއުނގޫދޫގައި 2014 ން 2017 އަށް ބޭއްވުނު އެ މުބާރާތްތަކުން ރަންވަނަ ހޯދުމަށް ބަޔޯނިކް ތައްޔާރުވީ ގައުމީ ފެންވަރުގެ ކުޅުންތެރިން ހިމެނޭ ވަރުގަދަ ޓީމެއްގެ ގޮތުގައެވެ.

މި ފަހަރު ރައިޒް ފުޓްސަލް ޗެލެންޖަށް ބަޔޯނިކްގެ ތައްޔާރުވުންތަކާއި ގުޅޭ ގޮތުން އެކުލަބުގެ ރައީސް ޢުބައިދުﷲ މުޙައްމަދު މިލައުތުރަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ މިފަހަރުވެސް ބަޔޯނިކް އިން ތައްޔާރު ވަމުންދަނީ ސުޓައިލްގައި ތަށި ހޯދުމަށް ކަމަށެވެ. މިއަހަރުވެސް ބަޔޯނިކް ޓީމްގައި ރަށާއި ރަށުން ބޭރުގެ އެކި މުބާރާތްތަކުގައި ވާދަކޮށް ރަންވަނަތަށް ހާސިލުކޮށްފައިވާ، ރަށަށް ނިސްބަތްވާ އެތައް ތަރިންނާއި އަދި ގައުމީ ފެންވަރުގެ އެތައް މުބާރާތްތަކާއި އަތޮޅު ތެރޭގައި ބޭއްވޭ ވަރުގަދަ ގިނަ މުބާރާތްތަކުގައި ކުޅެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދާފައިވާ ހުނަރުވެރި ކުޅުންތެރިއެއްވެސް ޓީމުގައި ހިމެނޭނެ ކަމަށެވެ.

މީގެ އިތުރުން އެކުލަބުގެ އެކަޑަމީގެ ޓީމަކީ މާއުނގޫދޫގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންގޮސްދޭނެ ތަރިންތަކެއް ފެނިގެންދާނެ ޓީމެއް ކަމަށްވެސް ބަޔޯނިކް ކުލަބުގެ ރައީސް ފާހަގަ ކުރެއްވިއެވެ. އެކަޑަމީ ޓީމުގައި މުޅިން އަލަށް މިފަދަ މުބާރާތެއްގައި ކުޅޭ 14 އަހަރުން ދަށުގެ 7 ކުޅުންތެރިން ހިމެނޭ ކަމަށާއި މިއީ މާއުނގޫދޫ ފުޓްބޯޅައިގެ އުންމީދުކަމަށެވެ.

ބަޔޯނިކް ކުލަބަކީ ކުޅިވަރުގެ އިތުރުން ރަށުގެ ޢިޖްތިމާޢީ، ސަޤާފީ އަދި ތިމާވެށީގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ކުލަބެކެވެ. މިވަގުތު މާއުނގޫދޫގައި އޮތް އެންމެ މެންބަރުންގިނަ ހިންގުންތެރި ކުލަބަކީވެސް ބަޔޯނިކްއެވެ.

© 2023 milauthuru. All rights reserved.