ބޮލީވުޑުގެ ކުރީގެ ތަރި ރަވީނާ ތަންޑަންގެ އަންހެން ދަރިފުޅު ރާޝާ ތަޑާނީގެ ފުރަތަމަ ލަވަ “އުޔި އަންމާ” ރިލީޒުވުމާއެކު ސުޕަރ ހިޓަކަށް ވެއްޖެއެވެ. އެ ލަވަޔަށް މިހާތަނަށް 70 މިލިޔަނަށް ވުރެ ގިނަ ހިޓްސް ޔޫޓިއުބްގައި ލިބިފައި ވެއެވެ.
އުމުރުން އެންމެ 21 އަހަރުގައި އޭނާގެ ފުރަތަމަ ފިލްމު އާޒާދުގައި ލީޑު ރޯލު ކުޅެނީ އަމަން ދޭވްގަން އާއި އެކްޝަން ސުޕަރ ސްޓަރ އަޖޭ ދޭވްގަން އެވެ. އަދި އެ ފިލްމުގައި އަޖޭ ދޭވްގަން ބައިވެރިވާތީ ގިނަ ބަޔަކު ވަނީ އިތުރަށް ޝައުޤުވެރިވެފައެވެ.
ރާޝާގެ ހުނަރުވެރިކަމަމަށާއި، ފުރިހަމަ ނެށުމުގެ ޙަރަކާތްތަކަށާއި، އާދަޔާ ޚިލާފު ރީތިކަމަށް މީހުންގެ ލޯތްބާއި ތައުރީފު ގެންދަނީ ބަންޑުން ކުރަމުންނެވެ. ރަވީނާ ފަދައިން އަޚުލާޤު ރަނގަޅު އާންމު ދިރިއުޅުމުގައި ވަރަށް ސާދާކޮށް ހުންނަ ރާޝާއަށް މުޅި ބޮލީވުޑްގެ ލޯބި ލިބިއްޖެއެވެ.
ގިނަ ބަޔަކު ލަފާކުރާ ގޮތުގައި އޭނާއަކީ ބޮލީވުޑްގައި ރަނިކަން ކުރާނެ ކުޅަދާނަ އަދި ހުނަރުވެރި ކުއްޖެކެވެ. އެހާ ހުނަރުވެރި ކުއްޖަކު އަދި އަމުދުން އެހާ ރީތިވުމަކީ ފިލްމު އިންޑަސްޓަރީގައި ކާމިޔާބު މީހަކަށް ވާން ބޭނުންވާ އެންމު މުހިންމު ކަންތައްތައް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އަދި ގިނަ ބައެއްގެ ތައުރީފު އޭނާގެ މަންމަ ރަވީނާ ތަންޑަންއަށް ވެސް ކުރެއެވެ. އެހާ ހިތްތިރި ސާދަ ގޮތްތަކާ ރަނގަޅު އަޚުލާޤެއްގައި ތަރުބިއްޔަކު ކޮށްފައިވާތީ އާއި ޚުދު އޭނާ އާއި ވައްތަރުކަން ބޮޑުކަމުންނެވެ. ބައެއް މީހުން ސިފަކުރާ ގޮތުގައި ރާޝާއަކީ ރަވީނާ ތަންޑަންގެ “ކާބަން ކޮޕީ” އެކެވެ.