ބަކަރަކާ ޗެރިޓީގެ ރަމަޟާން މަހުގެ ޚާއްސަ ޙަރަކާތްތައް މުޅި ދުނިޔޭގައި ކުރިއަށް އެބަ ގެންދެއެވެ. އެގޮތުން 67 ޤައުމެއްގައި ރަޖިސްޓަރީކޮށްފައިވާ ގޮފިތަކުން ހިންގާ ޙަރަކާތްތަކާއެކު ދުނިޔޭގެ 150 ޤައުމެއްގައި ރަމަޟާން މަހުގެ ޕްރޮގްރާމްތައް ހިންގަމުން އެބަ ގެންދެއެެވެ.
ބަރަކާ ޗެރިޓީގެ ދިވެހިރާއްޖޭގެ ގޮފިން މަޢުލޫމާތުދޭ ގޮތުގައި، ރޯދަމަސް ފެށުމުގެ ކުރިން ރޯދަ ހަދިޔާ ދިނުމާއި، ރޯދަމަސް ފެށުމުން އިފްތާރު ދިނުމުގެ ޙަރަކާތްތަކާއި، ފިތުރު ޢީދުގައި އީދު ހަދިޔާ ބެހުމާއެކު ޒަކާތު ފައިސާ ބެހުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
ރާއްޖޭގައި މިއަހަރުގެ ރޯދަ ހަދިޔާ ބެހުން އޮތީ ށ. އަތޮޅު ފޯކައިދޫގައެވެ. ރޯދަ ހަދިޔާއެއްގެ ގޮތުގައި އެ ރަށުގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ޕާރުސަލެއް ހަދިޔާކޮށްފައި ވެއެވެ. މި ޙަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ފޯކައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ވެސް ގުޅިގެންނެވެ.
ރޯދަމަހުގެ ޚާއްސަ ޙަރަކާތެއްގެ ގޮތުގައި އިއްޔެގައި މާލޭގައި ރޯދަވީއްލުމުގެ ޙަރަކާތެއް އިންތިޒާމުކުރެވިފައިވާ ކަމަށާއި، އެފަދަ އިތުުރު ޙަރަކާތްތައް އެހެން ރަށް ރަށުގައި ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޢީދު ދުވަހު ޢީދު ހަދިޔާ ބެހުން ވެސް އޮންނާނެ ކަމަށެވެ.
މީގެ އިތުރުން ވެސް ބަރަކާ ޗެރިޓީ ފަންޑުގެ ދަށުން ތަފާތު މަޝްރޫއުތައް ހިންގުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ބަރަކާ ޗެރިޓީން މަޢުލޫމާތު ދެއެވެ.