a stack of one hundred dollar bills tied with a string

ޑޮލަރުގެ ކަޅު ބާޒާރު ނައްތާލަން ބޭނުންކުރި ސިޔާސަތު ފެއިލްވުމުން އެހެން ގޮތެއް އިއުލާން ކޮށްފި.

މިލައުތުރު | 23 ސެޕްޓެމްބަރ 2025 | އެހެނިހެން

މި ސަރުކާރު ވެރިކަމަށް އައުމާއެކު އެންމެ ފުރަތަމަ ވެސް ޙައްލު ކޮށްދެއްވާނެ ކަމަށް ވިދާޅުވީ ޑޮލަރު ލިބުމުގެ ދަތިކަމާއި، ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު މަތިވުމުގެ މައްސަލަ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެވެ.

ޑޮލަރުގެ މައްސަލަ ޙައްލުކުރެއްވުމަށް ހަރުކަށި ސިޔާސަތުތަކެއް ތަންފީޒުކުރެއްވި ނަމަވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިއަދުވެސް ހުރީ 20 ރުފިޔާއިން މަތީގައެވެ. ޑޮލަރު ލިބުމަކަށް ވެސް އަދި ލުޔެއް ލިބޭތަނެއް ނުފެނެއެވެ. ރިސޯޓުތަކުން ބޭންކަށް ޑޮލަރު މާރުކުރުމަށް ލާޒިމް ކުރުމުން ވެސް މައްސަލައަށް ޙައްލެއް ލިބިފައެއް ނުވެއެވެ.

Advertisement

އަނެއްކާ މުޅިން އައު ސިޔާސަތެއް އިއުލާން ކުރައްވައިފި އެވެ. ޑޮލަރުގެ ކަޅު ބާޒާރު ނައްތާލާނެ ސިޔަސަތެއްގެ ގޮތުގައެވެ. އެހެންކަމުން ކުރިން ތަންފީޒު ކުރެއްވި ސިޔާސަތު ފެއިލްވީ ކަމުގައި ޤަބޫލު ކުރެއްވީ ކަމުގައި ބެލިދާނެ އެވެ. އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރަށް ފައިސާ ދެއްކޭ އަދަދު 1000 ޑޮލަރަށް ބޮޑު ކުރުމާއި، އެއާލައިން ޓިކެޓް ނެގުމާއި ހޮޓެލް ބުކިންތައް ހެދުމަށް 3000 ޑޮލަރު ލިބޭނެ ގޮތް ހަމަޖައްސަވަނީ އެވެ.

މި ބަދަލުގެ ސަބަބުން ވެސް ލުއި ލިބޭނީ ތަނަވަސް ކަމުގެ އަހުލުވެރިންނަށެވެ. ޑޮލަރު އެކައުންޓްތަކުގައި ޑޮލަރު ރައްކާކޮށްފައިވާ ފަރާތްތަކަށެވެ. އެހެނީ ބޮޑު ލިމިޓް ލިބެނީ ޑެބިޓް ކާޑަށެވެ. ޑެބިޓް ކާޑުން ފައިސާ ދެއްކޭނީ އެކައުންޓްގައި ފައިސާ ރައްކާކޮށްފައި ހުރި ނަމައެވެ. ޑޮލަރު ނެތް މީހުންނަށް މި ޚިދުމަ ލިބޭނެ ގޮތެއް ނެތެވެ. އެހެނީ ކްރެޑިޓް ކާޑުން ފައިސާ ދެއްކޭ ލިމިޓް ބޮޑެއް ނުވެއެވެ. މިއީ ވެސް ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށްޓަކައި ކުރައްވާ ކަމެއްގެ ގޮތުގައި ތުހުމަތު ކުރެވިދާނެ ނޫންތޯ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.