ށ. ފޯކައިދޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް މަސައްކަތް ކުރާ ފަރާތްތައް ގުޅިގެން ފަށާ “ވިޒިޓް ފޯކައިދޫ” ކެމްޕެއިން ރަސްމީކޮށް އިފްތިތާޙް ކުރުމަށް ބާއްވާ ރަސްމިއްޔާތަށް ލަވަކިއުންތެރިޔާ ވިބޫތީ ޝަރުމާ އައުމަށް ހަމަޖެހިއްޖެ އެވެ.
އިންޑިއާގެ މުމްބާއީގައި ދިރިއުޅުއްވާ ވިބޫތީ ޝަރުމާއަކީ މަޝްހޫރު ބީ ޕްރާކް ބޭންޑުގައި ލަވަކިއުމާއެކު ޕާފޯމްކުރާ ފަންނާނެކެވެ. އަދި އަމިއްލަ ރާގުތަކާއި، ޅެންތައް އުފެއްދުމުގެ އިތުރުން ނެށުންތައް ހުށަހަޅައިދީފައިވާ އަރަމުން އަންނަ ޕަންޖާބީ ފަންނާނެކެވެ. އަދި ބިގް ބޮސް ފަދަ ބޮޑެތި ޝޯތަކުން ވެސް ފެނިފައި ވެއެވެ.
އޭނާ ފޯކައިދޫގައި ދެ ދުވަހުގެ ކުރު ޗުއްޓީއެއް ހޭދަކުރާނެ ކަމަށް ވިޒިޓް ފޯކައިދޫގެ މަސްއޫލުވެރިން މަޢުލޫމާތު ދެއެވެ. އަދި 28 މެއި 2026 ގައި އޮންނަ ރަސްމިއްޔާތުގައި ލަވަ ހުށަހަަޅައިދޭނެ ކަމަށް ވެސް ވެއެވެ. ވިޒިޓް ފޯކައިދޫ ކެމްޕެއިނަށް މިހާރު ވެސް ދުނިޔޭގެ ބައެއް ޤައުމުތަކުގެ ފަތުރުވެރިންގެ ސަމާލުކަން ވަނީ ލިބިފައެވެ.
ފޯކައިދޫގެ ޘަޤާފީ ކުޅިވަރުތައް ބަލައިލުމަށްޓަކައި ފަތުރުވެރިން ޒިޔާރަތް ކުރަން ވަނީ ފަށާފައެވެ. އަދި ބޮޑު އީދުތެރޭގައި އައުމަށް ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ބްކިންގ ހަދާފައި ވާކަމަށް މަޢުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު