ތިމަރަފުށީ 8 ޒުވާނަކު ވާނުވާބަންދުގައި ތިބޭތާ 5 އަަހަރު ވެއްޖެ.

މިލައުތުރު | 12 ނޮވެމްބަރ 2025 | ރިޕޯޓު

ތިމަރަފުށީ 8 ޒުވާނަކު ވާނުވާބަންދުގައި ތިބޭތާ ބަރާބަރު 5 އަހަރު ވެއްޖެއެވެ. އެއީ 1826 ދުވަހެވެ. އެއީ 43،824 ގަޑީއިރެވެ. އެއީ 2،629،440 މިނެޓެވެ.

އެމީހުން ތިބީ އެއްވެސް ކުށެއް ސާބިތު ނުވެ، ޙުކުމެއް ނުކޮށް، ޖަލުގެ ކުޑަގޮޅީގައި ކަނުއަދިރީގައި އެމީހުންގެ ޙަޔާތުގެ އެންމެ ޒުވާން އުމުރުގެ ދުވަސްތައް ގުނާށެވެ. 11 ނޮވެމްބަރ 2020 ގައި ޖަލަށް ގެންދިޔައިރު އަނބިމީހާގެ ބަނޑުގައި އޮތް ދަރި މިއަދު ޕްރީސްކޫލަށް ދާ ވަރުވެފައެވެ. ނަމަވެސް އެކުދިންނަށް އެކުދިންގެ ބައްޕަމެން އަދި ލޮލުން ނުފެނެއެވެ.

Advertisement

ފިރިމީހާގެ އިންތިޒާރުގައި ތިބި އަނބިންނާއި، ލޯބިވާ ދަރިން ދުށުމަށް ތިބި މައިންގެ އިންތިޒާރަށް ނިމުމެއް ނެތެވެ. ބޭބެމެން ލޮލުން ދެކިލުމަށް އެދި އެދި ތިބި ކޮއްކޮމެންގެ އިންތިޒާރަށް ނިމުމެއް ނެތެވެ. ހަރުކަށި ފިކުރުގެ މީހުންގެ ގޮތުގައި ލިސްޓުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަނީ އެއްވެސް ޝަރީއަތެއް ކުރުމެއް ވެސް ނެތިއެވެ.

އެމީހުން ހައްޔަރުކޮށް ބަންދުކުރީ ކުރީ ސަރުކާރުގެ ދައުރުގެ ތެރޭގައެވެ. މި ސަރުކާރުން ވައުދުވީ “ވާނުވާ ބަންދު” ނިމުމަކަށް ގެންނާނެ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރަށް ދެ އަހަރު ފުރެންދަނީ އެވެ. އަދި ހިރުވާތަން ކަހާވެސް ނުލައެވެ. މިހާރު އެގޮވަނީ 14 ނޮވެމްބަރުގައި ސަރުކާރުގެ ކާމިޔާބު ފާހަގަކުރަން އެންމެން މާލެ އަރާށެވެ. ކޮންކަމެއް ހާސިލުވެގެންތޯ އެވެ. ކޮން ވައުދެއް ފުއްދިގެންތޯ އެވެ. މިއީ އެމީހުންގެ އާއިލާތަކުގެ ޝަކުވާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.