ށ. ފޯކައިދޫގެ ގިނަ ރައްޔިތުންތަކެއްގެ ތާޢީދާއެކު ފޯކައިދޫ ކައުންސިލްގެ ރަޢީސްކަމަށް މުސްތަރީގޭ އަޙްމަދު އަންވަރު ވާދަކުރާނެކަން އިޢުލާން ކޮށްފިއެވެ. އެކަން އިޢުލާނު ކޮށްފައިވަނީ އެމްޑީޕީ މެންބަރުންގެ ޚާއްސަ ވައިބަރ ގްރޫޕަކަށް 6 ސެޕްޓެމްބަރުގައި ފޮނުވި ޚާއްސަ މެސެޖަކުންނެވެ.
އަންވަރުގެ މެސެޖުގައި ބުނެފައިވަނީ ރަށުގެ އަދި ވަކިން ޚާއްޞަކޮށް އެމްޑީޕީގެ ގިނަ ޢާންމު މެމްބަރުންގެ އެދުމުގެ މަތިން، އެމްޑީޕީއަށް ކައުންސިލް ކާމިޔާބުކުރުމަށް އެންމެ ފަހިގޮތަކީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ކައުންސިލްގެ ރައީސްކަމަށް އޭނާ ވާދަކުރުން ކަމަށް އެފަރާތްތަކުން ދެކެމުންދާތީ އާއި ޚުދު އޭނާގެ ޝައުޤުވެރިކަން ވެސް ހުރުމުން، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު 2026 ގައި ފޯކައިދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލުމަށް ނިންމައިފި ކަމުގައެވެ.
އިތުރަށް ބުނެފައިވަނީ ޕްރައިމަރީއަކާއި ނުލާ އެމްޑީޕީ ޓިކެޓު ލިބެން ނެތްނަމަ، އެމްޑީޕީގެ އެތެރޭގެ އިންތިޚާބު (ޕްރައިމަރީ) ގައި އެމްޑީޕީ ޓިކެޓަށް ވާދަކުރަން ޤަސްދުކުރާ ކަމަށާއި، މެޖޯރިޓީގެ ކޮންމެ ނިންމެވުމަކަށް ހިތުން ރުހުމުން ބޯލަނބާނެކަމަށާއި، އެމްޑީޕީއަށް ގެއްލުމެއްވާނެ އެއްވެސް މަގަކުން ނުހިނގާނެކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ. އަންވަރުގެ މި ނިންމުމާއެކު އެމްޑީޕީގެ ޓިކެޓުގައި ފޯކައިދޫގެ ރައީސްކަމަށް ވާދަކުރާނެ ފަރާތެއް ކަނޑައެޅުމަށް ޕްރައިމަރީއެއް އޮންނާނެކަމަށް ވަރަށް ބޮޑަށް ބެލެވެއެެވެ.
އަންވަރު ފާހަގަ ކުރެވިފައިވަނީ މިފަހަކަށް އައިސް ސިޔާސީ މަސައްކަތުގައި ފޯކައިދޫގައި ހަރަކާތްތެރިވާ އަދި އެންމެ އަލިގަދަ އެއް ތަރީގެ ގޮތުގައެވެ. ށ. ފޯކައިދޫ އާއި ކޮމންޑޫ ދާއިރާގައި 2013 ވަނަ އަހަރުން ފެށިގެން އެމްޑީޕީން ހިންގާފައިވާ ހުރިހާ ކެމްޕެއިންތަކުގައި އިސްވާރެއްގެ ގޮތުގައި ފެނިގެންގޮސްފައި ވެއެވެ.
އެމްޑީޕީގެ ލީޑަރޝިޕާ ގާތް ގުޅުމެއް އޮތް، ޕާޓީއަށް ވަފާތެރި އަދި ޢާންމު މެމްބަރުންނާ އަބަދުވެސް ވަރަށް ގާތުން މަސައްކަތްކުރާ އަޙްމަދު އަންވަރު ފާހަގަކުރެވެނީ ސިޔާސީ ގޮތުން ހިންގުންތެރި އާރުލާ މީހެއްގެ ގޮތުގައެވެ. އަދި އެންމެންނާވެސް ގުޅޭ ހިތްހެޔޮ، އަޚްލާޤު ރަނގަޅު، މަޑުމައިތިރި މީހެއްގޮތުގައެވެ.
ސިޔާސީ ދާއިރާގެ އިތުރުން ހިންގުމުގެ ދާއިރާއިންވެސް ގިނަ ތަޖުރިބާތަކެއް ހާސިލުކޮށްފައި ވެއެވެ. އެގޮތުން ފޯކައިދޫ ކައުންސިލްގެ މެމްބަރުކަމާއި، ފޯކައިދޫ ހެލްތު ސެންޓަރުގެ ޕޮލިޓިކަލް އެޕޮއިންޓީގެ ގޮތުގައި މަސައްކަތް ކޮށްފައި ވެއެވެ. ސިއްހީމަރުކަޒުގެ އިސްވެރިޔާކަމުގެ މަޤާމުގައި ހޭދަކުރި 5 އަހަރު ދުވަހުގެ ތެރޭގައި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރި މަސައްކަތްތައް އެ ރަށުގެ ރައްޔިތުން ފާހަގަ ކުރެއެވެ.
މީގެ އިތުރުން އަޙްމަދު އަންވަރަކީ މި ހިނގާ ދައުރުގެ އެމްޑީޕީ ކޮމަންޑޫ ދާއިރާގެ ނައިބު ރައީސްއެވެ.
ކިޔުންތެރިންގެ ހިޔާލު