އޮކްޓޫބަރު 11 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބަށް މީޑިއާތަކުގެ މާބޮޑު ޝައުޤުވެރިކަމެއް ނެތުމުން އިންތިޚާބަކާނުލާ މެންބަރުން ހޮވިއްޖެއެވެ.
ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އިލެކްޝަނުން ހުޅުވާލި މުއްދަތުގެ ތެރޭގައި އެ މަޤާމަށް ކުރިމަތިލި 4 ބޭފުޅުންގެ ތެރެއިން 3 ބޭފުޅުންގެ ކެންޑިޑެސީ ވަނީ ބަލައިގަނެފައެވެ. ކެންޑިޑޭޓެއްގެ ޝަރުތު ހަމަނުވާތީ އެއް ބޭފުޅެއްގެ ކެންޑިޑެސީ ވަނީ ބާޠިލުކަމަށް ނިންމާފައެވެ. ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން 1 ކެންޑިޑޭޓަކު އޭނާގެ ނަން އަނބުރާ ގެންދިޔުމުން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުންގެ މަޤާމަށް ޝަރުޠުހަމަވެފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށް، 2 ކެންޑިޑޭޓުންނެވެ. އަދި އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތު ހަމަވިއިރު، އެ މަޤާމަށް ކުރިމަތިލާފައިވަނީ ވެސް 2 ބޭފުޅުންނެވެ. އެ ދެ ބޭފުޅުންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގަނެ، މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމުގެ މަޤާމަށް ޝަރުޠުހަމަވެފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށް ކަމަށް ވީތީ އެ ފަރާތްތައް އިންތިޚާބުވެފައިވާކަމަށް މިހާރު ވަނީ އިޢުލާންކޮށްފައެވެ.
ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމަށް އިންތިޚާބު ވެފައިވަނީ، މޫނިމާގެ ށ. ފޭދޫ، ޢަބްދުލްޢަޒީޒް އިބްރާހީމް އާއި މަލަ ގދ. ތިނަދޫ، ޒަމްޢަތު އަޙްމަދު ވަޙީދުއެވެ. އަދި އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމަށް އިންތިޚާބުވެފައިވަނީ، ވެލީގެ ގދ. ރަތަފަންދޫ، ސިމާޙާ ނަސީމް އާއި ހިސާން ހދ. ވައިކަރަދޫ، ޙުސައިން ޘަޤީފްއެވެ.
މިއީ، ޤާނޫނު ނަންބަރު 2025/16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، އެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގައި ތިއްބަވާ 7 މެންބަރުންގެ ތެރެއިން 4 މެންބަރުން އިންތިޚާބުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ އިންތިޚާބެކެވެ.
ކިޔުންތެރިންގެ ހިޔާލު