އުސްތާޛް ޒަކީ

ޕަޕުއަ ނިއު ގިނީގެ ބޮޑު ދޮންކެޔޮވަކެއް ނޮޅާލައިފިންތޯ؟

ޕަޕުއަ ނިއު ގިނީގައި ހައްދާ ބާވަތެއްގެ ފަތްކޭލަކީ އާދަޔާ ޚިލާފަށް ބޮޑު އެހާމެ މީރު ދޮންކޭލެކެވެ. އަދި މިބާވަތުގެ ދޮންކޭލަކީ ދުނިޔޭގެ އެހެން އެއްވެސް ހިސާބެއްގައި ހެއްދޭ ބާވަތަކަށް ވެސް ނުވެއެވެ.

ޕަޕުއަ ނިއު ގިނީ މާދޮންކެޔޮ ކާލުމަށްޓަކައި ފަތުރުވެރިން އެޤައުމަށް ޒިޔާރަތްކުރާ ކަމަށް ވެސް ވެއެވެ. މިބާވަތުގެ ދޮންކެޔޮވަކެއްގައި ފޫޓެއް ނުވަތަ ދޮޅު ފޫޓު ހުންނަކަމަށް ވެއެވެ. އެހެންކަމުން ބައެއް މީހުން މިބާވަތުގެ ދޮންކެޔޮވަކަށް “ބޭބީ” ކިޔާ މުޚާތަބުކުރާ ކަމަށް ވެސް ވެއެވެ. އެހެނީ މީގެ ސިއްހަތު ރަނގަޅު ދޮންކެޔޮވަކެއް، އަލަށް ވިހާ ކުޑަކުއްޖެއް ވަރު ވާކަމަށް ވެއެވެ.

މިބާވަތުގެ ފަތްކެޔޮ ގަހަކީ ވެސް އިސްކޮޅުން ދިގު ބޮޑު ފަލަ ގަހެކެވެ. އެންމެ އާދައިގެ ވަރަކަށް ހެދިފައި ހުންނަ ދޮންކެޔޮ ގަސް ވެސް އާދައިގެ ދިވެހި ރުކެއްގެ އިސްކޮޅަށް ހެދޭކަމަށް ވެއެވެ. އެހެންކަމުން ކެޔޮގަނޑު ކަނޑާލުމަކީ ވެސް ފަސޭހަކަމެއް ނޫންކަމަށާއި، އެކަމަށް ވެސް ދަނޑުވެރިން ވަރަށް ރަނގަޅަށް ތައްޔާރުވާން ޖެހޭކަމަށް ވެއެވެ.

ހަށިގަނޑަށް ފައިދާ ހުރި ވައިޓަމިންސްގެ ބާވަތްތައް ގިނަ މިންވަރަކަށް ހުންނަ ފަތްކޭލަކީ ދުވަހުގެ ކާނާގެ ތެރޭގައި ހިމަނާލަން މުހިންމު މޭވާއެކެވެ. ފަތްކޭލަކީ ވެސް ދިވެހިރާއްޖޭގައި ގިނަ މިންވަރަކަށް އިންދާ ހައްދާ އެއްޗެކެވެ. މިބާވަތުގެ މުޑުވައް ހޯދައިގެން އާލާކުރެވޭތޯ ބަލައިލުމަކީ ކުރެވިދާނެ ކަމެކެވެ.

© 2023 milauthuru. All rights reserved.