މިލައުތުރު

ޑރ. މުޢިއްޒަށް ވެރިކަން ދިނުމަކީ ރައްޔިތުންނަށް ކުރެވުނު ވަރަށް ބޮޑު ކޮސްކަމެއް – އަންވަރު

އެމްޑީޕީ ދަނޑިކޮށި ޖަގަހައިގާ ރޭގައި އޮތް އާންމު ޖަލްސާގައި ވާހަކަދައްކަވަމުން އަންވަރު ވިދާޅުވީ ޑރ. މުޢިއްޒަށް ވެރިކަމަށް އާދެވުނީ ދޮގު މަތީ ދޮގު ހަދައިގެންކަމަށެވެ. އެންމެ ބޮޑު އޮޅުވާލުމަކީ މާ ޚުލްޤު ހެޔޮ ދީންވެރި މީހެއްގެ ގޮތުގައި ރައްޔިތުންނަށް ދެއްކި ދަޅަކަމަށެވެ.

އެމްޑީޕީގެ އަތުން ވެރިކަން ދޫވެގެންދިޔަތާ އަދި ވީ އެންމެ 10 މަސްދުވަސް ކަމަށާއި، ރައްޔިތުން މިހާރު ވެސް ކަރުނައަޅާ ރޯން ޖެހިއްޖެ ކަމަށެވެ. އެއްވެސް ރަށެއްގައި ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ނުހިނގާކަމަށާއި، މިއީ ނާޤާބިލް ސަރުކާރެއް ކަމަށެވެ. ރައްޔިތުން މި މީހުންނަށް ވަރަށް ފާރަވެރިވާން ޖެހޭނެ ކަމަށެވެ. މިއީ ޖަމިއްޔަތުލް ސަލަފުގައި ތިބި މުނާފިޤު ދީނީ ޢިލްމުވެރިން ޙިމާޔަތްކުރާ ވެރިކަމެއް ކަމަށާއި، ރައްޔިތަކަށް ޙިމާޔަތެއް ނެތްކަމަށާއި، ވީކަމެއް ހަރާމުން ހަރާމްކަމަށެވެ.

މިހާ އަވަރަށް ރައްޔިތުން ފޫހިކޮށްލި ސަރުކާރެއް ރާއްޖޭގެ ތާރީޚްގައި ވެސް ނެތްކަމަށާއި، އިތުރަށް ގޯސްތައް ހަދާނަމަ މަގުމައްޗަށް ވެސް ނިކުންނާނެ ކަމަށެވެ. ކޮމަންޑޫ ދާއިރާގައި އެމްޑީޕީ ހިފަހައްޓާނެ ކަމަށާއި، މަރްޙޫމް އެމްޕީ ޙުސައިން ވަޙީދު އެޅުއްވި ތަރައްޤީގެ ފިޔަވަޅުގެ މަތީގައި އެމްޑީޕީ ނަގަހައްޓާނެ ކަމަށެވެ.

އަދި އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވަފާނެ ފަދަ މޭރުކަމުން ވެސް އަންވަރު ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން 2026 ވަނަ އަހަރުގެ ކައުންސިލްތަކުގެ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވެންޖެހޭނެ ކަމަށާއި، ޖަގަހަތައް 24 ގަޑީއިރު ހުޅުވާފައި ބަހައްޓަން ޖެހޭކަމަށެވެ.

© 2023 milauthuru. All rights reserved.