ށ. ފޯކައިދޫގެ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުންދިޔަ ގިނަ އަދަދެއްގެ މުވައްޒަފުންނަށް އެއްވެސް އިންޒާރެއް، މަޢުލޫމާތެއް އަދި އިރުޝާދެއް ވެސް ނުދީ ކުއްލިގޮތަކަށް ވަޒީފާއިން ވަކިކުރި ސަބަބު އޮޅުންފިލުވައިދިނުމަށް ރައްޔިތުން އެދުމުން ވެސް އެމީހުންނާ ބައްދަލުނުކުރުމުން ގަދަކަމުން ފެނަކަ އޮފީހަށް ވަދެއްޖެ އެވެ.
އެއްވެސް ކުށެއްނެތް 14 މުވައްޒަފުން ވަޒީފާއިން ވަކިކުރުމުން ރެއިން ފެށިގެން ފޯކައިދޫގައި ގެންދަނީ މުޒާހަރާ ކުރަމުންނެވެ. ރައްޔިތުންގެ ގިނަ އަދަދެއްގެ ބަޔަކު މިއަދުވެސް ނިކުމެ ފެނަކަ އޮފީސް ދޮށުގައި ތިބެ ފެނަކައިގެ ދެ ވެރިންކަމުގައިވާ މާހިދު އާއި އަހުސަނު އެމީހުންނާ ބައްދަލުކުރުމަށް ގޮވާލާފައި ވެއެވެ. އެހެން ނަމަވެސް އެ ދެމީހުން ވެސް އިޚްތިޔާރުކުރީ ޖަވާބުދާރީ ވުމުގެ ބަދަލުގައި ފުލުހުންގެ ޙިމާޔަތުގައި އޮފީސްތެރޭގައި ތިބުމަށެވެ.
މަޢުލޫމާތު ލިބޭގޮތުގައި ފޯކައިދޫގެ މުޒާހަރާގެ ބައިވެރިން ވަނީ މިހާރު އޮފީސްތެރެއަށް ވަދެފައެވެ. އެހެން ނަމަވެސް ވެރިން އަދިވެސް ގެންދަނީ އެމީހުންނަށް ޖަވާބުދާރީވުމަށް ދެކޮޅު ހަދަމުންނެވެ. ފޯކައިދޫގެ ރައްޔިތުންގެ ގިނަ ބަޔަކު ފެނަކަ އޮފީސްތެރޭގައި ޖަވާބެއްގެ އިންތިޒާރުގައި ތިބިކަމަށް ވެއެވެ.
ގެއްލިފައިވާ ޙައްޤުތައް ހޯދުމަށް މުޒާހަރާކޮށް، ގަދަކަމުން ފެނަކަ އޮފީހަށް ވަނުމުގެ ތެރޭގައި އެއްވެސް މީހަކަށް އަނިޔާއެއް ވީކަމެއް ނުވަތަ ނޫންކަމެއް އަދި ސާފުވާގޮތެއް ނުވެއެވެ. އެހެން ނަމަވެސް މުޒާހަރާގެ ބައިވެރިން ބުނަމުން ގެންދަނީ ވެރިންގެ ފަރާތުން ފުރިހަމަ މަޢުލޫމާތު ލިބެންދެން މެދުކެނޑުމެއްނެތި އިހުތިޖާޖުތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު