ފައިމަގުގައި ހިންގަވާފައި މާލެއިން ވިލިމާލެއަށް ވަޑައިގަތުމުގެ ރެކޯޑް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހައްދަވައިފި އެވެ.
ތިލަމާލެ ބްރިޖްގެ މަސައްކަތް ބައްލަވާލެއްވުމަށް ވިލިމާލެއަށް އެމަނިކުފާނު މިއަދު ވަޑައިގަތީ ހިންގަވާފައެވެ. މިއީ މިހާތަނަށް ރާއްޖޭގައި ރައީސަކު ފައިމަގުގައި މާލެއިން ވިލިމާލެއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އެހެންކަމުން މިއީ ރާއްޖޭގެ އެހެން އެއްވެސް ވެރިޔަކަށް އަދި ލިބިވަޑައިގެންފައިވާ ރެެކޯޑެއް ނޫނެވެ.
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ފެއްޓެވި މި ބިޔަ ބޮޑު ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ފަހު ރައީސް ވިދާޅުވީ، ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށްދާގޮތުން ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް މި ސަރުކާރުން ދެއްވާ އަހަމިއްޔަތު ފެންނަ ކަމަށެވެ.
މިއީ ގާތްގަނޑަކަށް 700 މިލިޔަން ޑޮލަރުގެ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމޭއިރު މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅިގެންދާނެ އެވެ. އެހެންކަމުން މިއީ މިހާތަނަށް ހިންގޭ ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢު ކަމުގައި ވެގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު