ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރަމުންދާ އިންޖީނަށް ދިމާވި މައްސަލަ ހައްލުނުކުރެވި އައްޑޫސިޓީގެ ގުޅިފައިވާ ރައްތަކުން ކަރަންޓު ކަނޑާތާ ހަފްތާއެއް ވެއްޖެއެވެ.
ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ އައްޑޫއިން ފާއިތުވި ހަފްތާގެ ކޮންމެ ދުވަހަކު އެކި ހިސާބުތަކުން ދަނީ ކަރަންޓުގެ ހިދުމަތް ކަނޑަމުންނެވެ. މިކަމުގެ ސަބަބުން މި ހިދުމަތް ބޭނުންކުރާ ފަރާތްތަކުން ދަނީ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ. އެގޮތުން ބައެއް ފަރާތްތަކުން ބުނަނީ މެންދުރުގެ އެންމެ ހޫނު ވަގުތުގައިވެސް ކަރަންޓު ކަނޑާލާ ކަމަށެވެ.
”ރޭގަނޑުގެ ވަގުތުގައިވެސް ހަމަ ކަރަންޓު ކަނޑާލާ. ކުޑަކުދިންނާ އެއްކޮށް މިހެން އުޅެމުންދާއިރު މިކަމުގެ ސަބަބުން އަސްލު ވަރަށް އުނދަގޫވޭ.“ މި ނޫހަށް މައުލޫމާތު ދެއްވަމުން އައްޑޫގެ ރައްޔިތަކު ކިޔައިދިނެވެ.
އައްޑޫގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ ފެނަކަ އިން ބުނީ މިހާރު އައްޑޫގައި ކަރަންޓުގެ ހިދުމަތް ކަނޑަމުން ދަނީ އިންޖީނުތަކަށް ދިމާވި މައްސަލަތަކާއި ގުޅިގެން ލޯޑް މަތިވަމުން ދާތީވެ، މެނޭޖް ކުރުމަށްޓަކައި ކަމަށެވެ. އަދި މިގޮތަށް ކަރަންޓު ކަނޑަނީ އެއްގަޑިއިރަށް ކަމަށްވެސް ފެނަކައިން ވަނީ ބުނެފައެވެ.
ފެނަކައިން ވަނީ މި ދަނޑިވަޅުގައި ކަރަންޓު ސާމާން ބޭނުން ނުކުރާ ގަޑިތަކުގައި ނިވާލާފައި ބެހެއްޓުމަށް އިލްތިމާސް ކޮށްފައެވެ. އަދި ކަރަންޓުގެ ލޯޑް މެނޭޖް ކުރުމަށް ހިދުމަތް ހޯދާ ފަރާތްތަކުގެ އެހީ ބޭނުންވާކަމަށް ފެނަކައިން ވަނީ ބުނެފައެވެ.