އުސްތާޛް ޒަކީ

ކިރުތިނަފަތް ބޭނުންކުރެވިދާނެ ބައެއް ގޮތްތައް ކުރުކޮށް ފޮނިކޮށްް!

ކިރުތިނައަކީ ޞިއްޙީ ގިނަ ފައިދާތަކެއް އެކުލެވޭ ޤުދުރަތީ މާއްދާތަކެއް ހުންނަ ފަތްޕިލާވެލީގެ ބާވަތެއްކަން ސައިންސްގެ އަލީގައި ވެސް ވަނީ ކަށަވަރުވެފައެވެ. މިއީ ތަފާތު އެކި ބަލިތަކަށް ދިވެހިބޭސް ކުރުމަށްޓަކައި ރާއްޖޭގައި ވެސް ބޭނުންކޮށް އުޅޭ ބާވަތެއްގެ ވިނަގަހެކެވެ. ފަސޭހައިން ލިބެންހުންނަ މިގަހުގެ ޙަޤީޤީ ބޭނުންތެރިކަން އެނގިއްޖެ ނަމަ މި ގަހަށް ކުރާ ޤަދަރު ބޮޑުތަނުން އިތުރުވެގެންދާނެކަން ޔަޤީނެވެ.

މިބައިގާ އަލިއަޅުވާލަން ގަސްދުކުރަނީ ކިރުތިނަ ބޭނުންކުރެވިދާނެ ބައެއް ގޮތްތަކުގެ މައްޗަށެވެ. އެހެން ނަމަވެސް، އަބަދުވެސް ހަނދާންކުރާންވީ އެންމެ މުހިންމު ކަމަކީ، ބޭހެއްގެ ގޮތުގައި އެއްވެސް ފަތްޕިލާވެއްޔެއް ބޭނުންކުރުމުގެ  ކުރީގައި ފަތްޕިލާވެލީގެ ބޭސްވެރިކަމުގެ ތަޖުރިބާކާރެއް ނުވަތަ ދިވެހިބޭސްވެރިއެއްގެ އިރުޝާދު ހޯދުމެވެ. އެއީ މިފަދަ ފަތްޕިލާވެލީގެ ފަރުވާތަކުން އެންމެ އެދެވޭ ރަނގަޅު ނަތީޖާ ހޯދުމަށްޓަކައެވެ.

މި ލިޔުމުގައި ހިމަނާލަން ގަސްދުކުރަނީ އެއްވެސް އެހެން ބާވަތެއްގެ ބޭހެއް އެއްކުރުމަކާ ނުލާ ކިރުތިނަ ބޭނުންކުރެވިދާނެ ބައެއް ގޮތްތަކެވެ. އެގޮތުން މައިގަނޑު ތިން ގޮތެއް ހިމަނާލަމެވެ.

  1. ކިރުތިނަކިރު:

ކިރުތިނަ ކިރަކީ އިހުޒަމާނުގައި ވެސް ފާރު ފަސޭހަކުރުމަށް ބޭނުންކުރި އެއްޗެއްކަން ބައެއް ލިޔުންތަކުންނާއި، ދުވަސްވީ މީހުންގެ ފުށުން ޔަޤީންވެއެވެ. ނިޔަފަތީގެ ކަންވަނުމުންނާއި، ނިޔަރޮދި ހަލާކުވުން ފަދަ ކަންކަމަށް ގަހުގެ ކިރު އިތުރު އެއްވެސް ގޮތެއް ހެދުމަކާނުލާ ބޭނުންކުރެވިދާނެއެވެ. ގޮފިކޮޅެއް ބިންދާލުމުން އަންނަ ހުދުކުލައިގެ ކިރަކީ ފާރުފަސޭހަކުރުމަށް ބޭނުންކުރެވިދާނެ ޤުދުރަތީ ފަރުވާއެކެވެ.

  1. ކިރުތިނަފަތު ސައި ނުވަތަ ހޫނުފެން:

ކިރުތިނަފަތު ސައި ނުވަތަ ހޫނުފެން ތައްޔާރުކުރުމަށް ބޭނުންވާނީ ރޯ ނުވަތަ ހިކި ކިރުތިނަފަތްކޮޅެކެވެ. ފެން ހޫނުކުރުމަށް ބޭނުންކުރާ އެއްޗެއްގެ ބޮޑުކުޑަ މިނަށް ބަލައި، އޭގެ ރާހަތްކުރާނެ މިންވަރަކަށް ފަތް ބޭނުންކުރުމުން އެންމެ ރަނގަޅުވާނެއެވެ.

# ބޭނުންކުރުމުގެ ކުރިން ފަތްތައް ރީތިކޮށް ދޮވެ ސާފުކޮށްލާށެވެ.

#  5 މިނެޓު ނުވަތަ 10 މިނެޓު ވަންދެން ފެނުގައި ކައްކާލާށެވެ. މިކަމަށްޓަކައި ކުރައެއް ނުވަތަ ތެއްޔެއް ބޭނުންކުރެވިދާނެއެވެ.

# އެއަށް ފަހު ކުޑަކޮށް ހިހޫވަންދެން މަތިޖަހާލާފައި ރީތިކޮށް ބަހައްޓާލާށެވެ.

# ހިހޫވެލުމުން ސާފު ފުރޭންޏަކުން ފުރާނާލާށެވެ. އޭރުން އެހުރީ ސައި ތައްޔާރުވެފައެވެ.

# ކުޑަކޮށް ތާފަނާކޮށް ބަހައްޓައިގެން ބޯން ބޭނުންކުރުމަކީ ނޭވާލާ ނިޒާމާއި ހަޖަމުގެ ނިޒާމަށް އެންމެ ރަނގަޅު ގޮތްކަމަށް ގިނަ ލިޔުންތަކުގައި ބަޔާންވެގެން ވެއެވެ. އަދި މިއީ ހެނދުނާއި، ހަވީރާ ރޭގަނޑަށް ވެސް ބޭނުންކުރެވިދާނެ ސައެކެވެ.

  1. ދުޅަތިރިކުރަން ކިރުތިނަފަތް ބޭނުންކުރުން:

ޖެހިތަދުވެގެން ދުޅަވެފައި ހުންނަ ތަންތަނުގައި އެޅުމަށް ކިރުތިނަފަތް ތަަޅައިގެން ނުވަތަ ފުނޑައިގެން ބޭނުންކުރެވިދާނެއެވެ. ރީތި ރޯފަތްކޮޅެއް ދޮވެ ސާފުކޮށްލުމަށް ފަހު ތަޅާ ހިމުންކޮށްލާނީއެވެ. ނުވަތަ ފުނޑާލާނީއެވެ. އަދި އިތުރު އެއްވެސް އެއްޗެއް އެއްކުރުމަކާނުލާ ދުޅަމަތީ އަޅާލާނީއެވެ. އަދި ސާފު ފޮތިކޮޅަކުން ބަނދެލުމަށްފަހު 20 – 30 މިނެޓް ވަންދެން ބަހެއްޓުމަށް ފަހު ރީތިކޮށް ދޮވެލާށެވެ. މިގޮތަށް ދެތިން ދުވަސް ވަންދެން ތަކުރާރު ކުރެވިދާނެއެވެ.

މިނޫން ވެސް އިތުރު ގޮތްތަކަށް ކިރުތިނަފަތް ބޭނުންކުރެވިދާނެ ކަމަށް ގިނަ ލިޔުންތަކެއްގައި ބަޔާންކޮށްފައި ވެއެވެ. މިސާލަކަށް ބަނޑުގައި ޖަހާ ސަރުބީ މަދުކުރުމަށްޓަކައި ނިދަން އޮށޯތުމުގެ ކުރިން ބައިޖޯޑު ކިރުތިނަފަތު ސައި ބުއިމަކީ ނަތީޖާ ވަރަށް ރަނގަޅު ގޮތެއްކަމަށް ބައެއް ލިޔުންތަކުގައި ވެއެވެ. ނުވަތަ ނިދުމުގެ ކުރިން ސައިސަމުސަލެއްގެ ފަތް ކެއުމަކީ ވެސް ބޭނުންކުރާ ގޮތެއް ކަމަށް ވެއެވެ.

އިސްވެ ދެންނެވުނު ތަފާތު ގޮތްތަކުގެ ތެރެއިން ކޮންމެގޮތެއް އިޚުތިޔާރު ކުޅަކަމުގައި ވިޔަސް، ބޭނުންކުރެވެން އޮތް އެންމެ ރައްކާތެރި ގޮތުގައި ބޭނުންކުރުމާއި، ފަންނީ ލަފަޔާ އިރުޝާދާއެކު ބޭނުންކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ނޯޓް: މިއީ އިނގިރޭސި ބަހުން ލިޔެ ޝާއިޢުކޮށްފައިވާ ލިޔުމެއްގެ ތަރުޖަމާއެވެ.

2 Replies to “ކިރުތިނަފަތް ބޭނުންކުރެވިދާނެ ބައެއް ގޮތްތައް ކުރުކޮށް ފޮނިކޮށްް!”

  1. Bombeytea

    Hama baraabaru

  2. Bombeytea

    !Hama baraabaru

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި