މިލައުތުރު

މާއުނގޫދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަށް އެމްޕީ މަންޑޭ ހުށަހެޅުއްވީ ހުސްފޮށިގަނޑެއް.

ށ. މާއުނގޫދޫ ސްކޫލްގެ އަހަރީ އިނާމްދިނުމުގެ ޙަފުލާގައި ދަރިވަރުންނަށް ދިނުމަށް ފުނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު މަމްދޫހު ފޮނުއްވެވީ ހުސްފޮށިގަނޑެއް ކަން ހާމަވެ، ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

އެމްޑީޕީ މާއުނގޫދޫ ނަމުގައި ފޭސްބުކްގައި ހިންގާ ޕޭޖެއްގައި ހުސްފޮށިތަކުގެ ފޮޓޯއާއި އެކު ޕޯސްޓްކޮށްފައި ވާގޮތުން ވަނަތަކަށް ލިބުނު ދަރިވަރުންނަށް އިނާމްގެ ގޮތުގައި އެމްޕީ މަންޑޭ ފޮނުއްވެވީ ހުސްފޮށިތަކެއް ކަމަށާއި، އިނާމްތައް ފަހުން ދެއްވާނެކަމަށާއި، މިކަން ސިއްރުކޮށްދެއްވުމަށް އެދިފައި ވާކަމަށެވެ.

ޕޭޖުގައި އިތުރަށް ބުނެފައި ވަނީ އިނާމު ނުދެވެންޏާ އިނާމު ހުށަނޭޅުއްވުމަށާއި، އެކަހަލަ ކަންތައް ކުރަން ހެޔޮ ވެސް ނުވާނެ ކަމަށެވެ. ބެލެވޭގޮތުގައި އެހެން ބުނެފައި އެވަނީ ކިޔަވާކުދިންގެ ހިތަށް ހިތްދަތިކަމެއް އަތުވެދާނެތީއެވެ.

މަޢުލޫމާތު ލިބިފައި ވާގޮތުގައި ކުރިން ވެސް ދާއިރާގެ ޢިއްޒަތްތެރި މެންބަރުގެ ފަރާތްޕުޅުން ބެސްޓް އޯލްރައުންޑަރ އަށް އިނާމެއްގެ ގޮތުގައި ލެޕްޓޮކް ކޮމްޕިއުޓަރެއް ހުށަހަޅުއްވާފައި ވެއެވެ. އެހެންކަމުން ސްކޫލްގެ ފަރާތުން އެދުނީ ލެޕްޓޮޕެއް ހުށަހެޅުއްވުމަށެވެ. ނަމަވެސް އެމްޕީ މަންޑޭއަށް ވަގުތުން އެކަން އިންތިޒާމްކުރެއްވުމަށް ދަތިފުޅު ވުމުން ހުސްފޮއްޓެއް ޕާރުސަލް ކުރުމަށް ފަހު ދަރިވަރަށް ދިނީކަމަށެވެ.

މިކަން އެނގުނީ އެދަރިވަރު ގެއަށް ގޮސް ޕާރުސަލް ކެނޑުމުން ކަމަށް ދަރިވަރުގެ އާއިލާ އާއި ޙަވާލާދީ މާއުނގޫދޫ އިން ވާހަކަދެއްކި ފަރާތަކުން ވަނީ ކަށަވަރު ކޮށްދީފައެވެ. އެހެން ނަމަވެސް މިކަންތައް ސޯޝަލް މީޑިޔާގައި ފެތުރެން ފެށުމުން ލެޕްޓޮޕެއް ގަތުމަށް ބޭނުންވާ ފައިސާ މިހާރު ވަނީ އާއިލާއަށް ރައްދުކޮށްދެއްވާފައި ކަމަށް ވެއެވެ.

© 2023 milauthuru. All rights reserved.