މީރު ކަޅުސައި ތައްޓެެއް ލިބުމަކީ ވެސް މިހާރު ނާދިރު ކަމަކަށް މިވަނީ ވެފައެވެ. ހޮޓަލަކަށް ވަދެ މީރު ކަޅު ސައި ތައްޓެއް ދޭށޭ ބުނުމުން ވެސް ގެނެސްދޭނީ ސައިފަތް ފެކެޓަކާ ހޫނުފެން ޖޯޑެކެވެ. އަމިއްލައަށް އެ ގިރާލައިގެން ބޯލުމަށް ފަހު ހިތްހަމަޖައްސާލުން ނޫންގޮތެއް އަދު ނެތެވެ.
އިހުޒަމާނުގައި ސައިފަތް އަޅައިގެން ސައި ކައްކާލުމަށް ފަހު ރީތިކޮށް ފުރާނާލަނީއެވެ. އެގޮތަށް ސައި ތައްޔާރުކުރަން އިތުރު ވަގުތު ހޭދަވީ ނަމަވެސް، އެއީ ޞިއްޙީ ގޮތުން ވެސް ރައްކާތެރި އަދި ބޯލަން ވެސް މާ މީރު ބުއިމެކެވެ. އަދި މިހާރު ޕެކެޓުކޮށްފައި ގޮތްގޮތަށް ވާޖަހާ ލޭބަލްކޮށްފައި ހުންނަ ސައިފަތަކީ އޭގައި އިންސާނުންގެ ހަށިގަނޑަށް ބޭނުންނުވާ މާއްދާތަކުން ތަޣައްޔަރުވެފައިވާ އެއްޗެއް ކަމަށް މިވަނީ ވެފައެވެ.
ބައެއް ދިރާސާތަކުން ދައްކާގޮތުގައި ފެކެޓުކޮށްފައި ހުންނަ ސައިފަތުގައި ޕޮލިޕްރޮޕައިލިން (ޕްލާސްޓިކު އެކުލެވޭ ބާވަތެއް) ހުންނަ ކަމަށް ވެއެވެ. އެގޮތުން ސައިފަތް ޕެކެޓް ހޫނު ފެންތައްޓަކަށް ލާފައި ގިރާލުމުން ގިނަ އަދަދެއްގެ މައިކްރޯޕްލާސްޓިކް އުފެދެއެވެ. އެހެންކަމުން އަހަރެމެންނަށް ބޮވޭ ސަޔަކީ ވެސް އޭގައި ޕްލާސްޓިކު އެކުލެވޭ ބުއިމަކަށް މިވަނީ ވެފައެވެ. އެއީ އަހަރެމެންގެ ޞިއްޙަތަށް ގެއްލުންވެދާނެ ކަމެކެވެ.
އެންމެ ރަނގަޅު ގޮތަކީ ކުރިންވެސް ސައި ކައްކާ އުޅުނުގޮތް ކަމުގައި ބެލިދާނެއެވެ. އެގޮތުން ޕެކެޓުގައި ބަންދުނުކުރާ ސައިފަތް ބޭނުންކޮށް، އެސްއެސް އާލަތްތަކުގައި ކައްކާފައި ސައިފަތް ނުހުންނާނެ ގޮތަށް ފުރާނާލުމުން ރަހަމީރުވެފައި، ޞިއްޙީގޮތުން ވެސް މާ ބޮޑަށް ރައްކާތެރި ވާނެއެވެ. ކަޅު ސަޔަކީ ގިނަ ބަޔަކަށް ވަރަށް މީރު އަދި ބޮޑު ހިތްހަމަޖެހުމެއް ގެނެސްދޭ ބުއިމެކެވެ. ވީމާ ރައްކާތެރި ގޮތުގައި ސައި ތައްޔާރުކުރުމަށް ސަމާލުވެލައްވާށެވެ.