އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި

ޝާން މުޙައްމަދު | 10 ސެޕްޓެމްބަރ 2025 | ޚަބަރު

އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް މިނިސްޓްރީ އޮފް ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ މުވައްޒަފުންނާއި ކުދިންނަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރެވިފައިވާ ދައުލަތުގެ ބެލެހެއްޓުމުގެ ދަށުގައި ތިބޭ އާއިލާތަކާއި ކުޑަކުދިނަށް ޚިދުމަތްދޭ އަމާންހިޔާތަކުގެ ފެންވަރު ރަނގަޅުކޮށް، ޚިދުމަތް ފުޅާކޮށް، އެ މިނިސްޓްރީގެ ހިންގުން ހަރުދަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެލެއްވި ވަޢުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން ކުރިޔަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

Advertisement
Advertisement

މި ޕްރޮގްރާމުގެ ތެރެއިން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއެކު ދިމާވެެދާނެ ޤުދުރަތީ ހާދިސާއަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އެފަދަ ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތުގެ އެމަޖެންސީ ޕުލޭނެއް އެކުލަވައިލާ އެކަމަށް މުވައްޒަފުންނާއި ކުދިން އަހުލުވެރިކޮށް އެފަދަ ހާލަތަކަށް ތައްޔާރުވުމަށް ބޭނުންވާ ޢަމަލީ ތަމްރީން ފޯރުކޮށްދީފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މި ތަމްރީނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލުކުރަންވީ ގޮތުގެ މަޢުލޫމާތު ދިނުމުގެ އިތުރުން، މިފަދަ ހާދިސާތަކުން ރައްކާތެރިވާނެ ގޮތުގެ ޢަމަލީ ތަޖުރިބާވެސް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ކުއްލި ހާލަތްތަކުގައި ޢަމަލުކުރަންވީ ގޮތްތައްވެސް ކިޔައިދެވިފައިވާ ކަމަށެވެ.

އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަކީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް ހަރުދަނާކުރުމަށް އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށްވާއިރު، މި އަހަރު ނިމުމުގެ ކުރިން ދައުލަތުން ހިންގަމުންދާ ހުރިހައި އަމާންހިޔާތަކުގައި މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުން ވަނީ ބުނެފައެވެ. އެއާއެކު، އަމާންހިޔާތަކުގެ ފެންވަރު ރަނގަޅުކޮށް، އެތަންތަނުގެ ހިންގުން ހަރުދަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅުގެ ބޮޑު ބައެއް ފުރިހަމަވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.