
ކ. ތުލުސްދޫ އަދި ޏ. ފުވައްމުލަކުގައި ޖޫނިއަރ ލައިފްގާޑް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައި، 2027 ވަނަ އަހަރަށް ޕާޓްނަރުން ހޯދުމުގެ މަސައްކަތް އަމްފާއިން ފަށައިފިއެވެ.
ދިވެހި ޒުވާނުންގެ މެދުގައި މޫދާއި ކަނޑުގެ ރައްކާތެރިކަމުގެ ހުނަރުތައް އަށަގަންނުވައި، ލީޑަރޝިޕް ހުނަރުތައް ތަރައްޤީކުރުމަށް އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އަމްފާ) އިން އިސްނަގައިގެން ކުރިއަށްގެންދިޔަ “މޯލްޑިވްސް ޖޫނިއަރ ލައިފްގާޑް ޕްރޮގްރާމް” (އެމް.ޖޭ.އެލް.ޕީ) ގެ ޕައިލެޓް މަރުޙަލާ ކާމިޔާބުކަމާއެކު ނިންމާލައި، 2027 ވަނަ އަހަރު މި ޕްރޮގްރާމް ހިންގާނީ ކައުންސުލްތަކާއިއެކު ޕާރޓްނަރޝިޕް މޮޑެލްއެއްގެ ގޮތުގައި ކަމުގައި އަމްފާއިން ބުނެފިއެވެ.
މި މަހުގެ ކުރީކޮޅު ކ. ތުލުސްދޫގައި އަދި ފުވައްމުލަކުގައި ވަނީ މި ޕްރޮގްރާމްގެ ފުރަތަމަ ތަމްރީނުތައް ބާއްވާފައެވެ. ތުލުސްދޫއާއި ފުވައްމުލަކުގައި ކުރިއަށްދިޔަ ތިން ދުވަހުގެ ތަމްރީނުތަކުގައި، ކޮންމެ ރަށެއްގައިވެސް، 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ބައިވެރިން ޕްރޮގްރާމްގައި ބައިވެރިވެފައިވެއެވެ. އެ ހަރަކާތުގައި މޫދުގެ ރައްކާތެރިކަމާއި، މީހުން ސަލާމަތްކުރުމުގެ ހުނަރުތަކާއި، ފުރަތަމަ އެހީ އަދި ސީ.ޕީ.އާރް އާ ބެހޭ މަޢުލޫމާތާއި، ގުޅިގެން މަސައްކަތްކުރުމުގެ ޢަމަލީ ތަމްރީނުތައް ފޯރުކޮށްދީފައިވެއެވެ. މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ސްޕޯޓްސް އަލްފާޟިލް މުޙައްމަދު ހާނިމް އެވެ. ހާނިމްގެ ވާހަކަފުޅުގައި މަދަނީ ޖަމްޢިއްޔާތަކުން އިސްނަގައިގެން ހިންގާ މިފަދަ މުހިންމު ކަންކަމަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

އަމްފާ އިން ފާހަގަކުރި ގޮތުގައި، ޕައިލެޓް ޕްރޮގްރާމަށް ލިބުނު ބޮޑު ތަރުޙީބާއި ކާމިޔާބީއަށް ބަލައި، އެ ޖަމްޢިއްޔާގެ އަމާޒަކީ 2027 ވަނަ އަހަރު މުޅި ރާއްޖޭގެ އެކި އަތޮޅުތަކަށް މި ޕްރޮގްރާމް ފުޅާކުރުމެވެ. މި ދެމެހެއްޓެނިވި ލަނޑުދަނޑި ޙާޞިލުކުރުމަށްޓަކައި ރަށު ކައުންސިލްތައް އަދި ތިމާވެއްޓާއި އިޖުތިމާޢީ ދާއިރާގައި މަސައްކަތްކުރާ ޖަމްޢިއްޔާތަކާ ގުޅިގެން މަސައްކަތްކުރުމަށް އަމްފާ އިންދަނީ ރާވަމުންނެވެ.
އަމްފާގެ ރައީސް ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ، މިއީ ހަމައެކަނި އެއްފަހަރު ބާއްވާ ހަރަކާތެއްގެ ގޮތުގައި ނުބާއްވައި، ރާއްޖޭގެ އެކި ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭނެ ނިޒާމެއް ޤާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

މި ޕްރޮގްރާމްގެ ދިގު މުއްދަތުގެ ތަޞައްވުރަކީ ކޮންމެ ރަށަކުންވެސް މޫދުގެ ރައްކާތެރިކަމުގެ ހުނަރު އެނގޭ، އަދި އެހެން ކުދިންނަށް ދަސްކޮށްދެވޭނެ ފަދަ ލޯކަލް ޓްރެއިނަރުން އުފެއްދުމެވެ. އެމް.ޖޭ.އެލް.ޕީ ކުރިއަށްގެންދަނީ “ވޯޓަރ ޕެޓްރޯލް އޮސްޓްރޭލިއާ” އަދި މެރިން ކޮންޒަވޭޝަން ޕާޓްނަރ “ރީފްސްކޭޕަރސް” އާ ގުޅިގެންނެވެ. ވުމާއެކު، މިއީ ހަމައެކަނި ފުރާނަ ސަލާމަތްކުރުމުގެ ހުނަރު ދަސްކޮށްދިނުމުގެ އިތުރުން، ފަރުތަކާއި ކަނޑުގެ މާޙައުލު ޙިމާޔަތްކުރުމަށް ޒުވާނުން އަހުލުވެރިކުރުވާ ފުރިހަމަ ޕްރޮގްރާމެކެވެ.
އެމް.ޖޭ.އެލް.ޕީ ގެ ޕްރޮޖެކްޓް ލީޑް އަދި އަމްފާގެ ނާއިބު ރައީސް އާމިނަތު ޞަލާޙް ވިދާޅުވީ، ފެށުނު ދެ ޕްރޮގްރާމަކީ ބިންގަލެއް ކަމަށާއި، 2027 ގެ އަމާޒަށް ވާސިލުވެވޭނީ އެކި ދާއިރާތަކުގެ ޕާޓްނަރުންގެ އެއްބާރުލުމާއެކު ކަމަށެވެ. “އަޅުގަނޑުމެން ބޭނުންވަނީ ރާއްޖޭގެ ކޮންމެ ރަށަކުންވެސް މޫދަށް ފަރިތަ، ރައްކާތެރިކަމުގެ އިސްނަގާ ޖީލެއް ބިނާކުރަން. މި މުހިންމު ޤައުމީ މަސައްކަތުގައި 2027 ވަނަ އަހަރު ބައިވެރިވެ، ޒުވާނުންގެ މުސްތަޤްބަލަށް އިންވެސްޓްކުރުމަށް އަޅުގަނޑުމެން މަރުޙަބާ ކިޔަން.”

ކިޔުންތެރިންގެ ހިޔާލު