ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ދޭ ލުއިލޯނުތަކަށް ސަރުކާރުން ހުޅުވާލަން ނިންމައިފިއެވެ،
މިކަމަކީ ސަރުކާރުގެ މެނިފެސްޓޯގައިވާ ވަޢުދު ތަކުގެ ތެރެއިން ހިމެނޭ އެއް ވަޢުދެވެ. އެގޮތުން ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްޞަކޮށްގެން ދޫކުރާ ލުއިލޯނަށް އެދުމުގެ ފުރުޞަތު ކުރިއަށް އޮތް ދެ ހަފުތާތެރޭގައި ހުޅުވާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ވަނީ ވިދާޅުވެފަ އެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެނިފެސްޓޯގައި ހިމެނޭ ވަޢުދު ތަކުގެ ތެރެއިން ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްޞަކޮށްގެން ދޫކުރާ ލުއިލޯނު ސްކީމެއް ހުޅުވާލުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށެވެ.
ސަރުކާރުން ހުޅުވާލާ މި ލޯނު ސްކީމްގެ މަޤްޞަދަކީ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެދާއިރާގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށް ސަރުކާރުން ބުނެއެވެ. ސަރުކާރުން މި މިލޯން ސްކީމް ފަރުމާކުރުމަށް ނިންމަވާފައިވަނީ މީޑިއާ ކޮންޓެންޓް، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، މުނިފޫހިފިލުވުމުގެ ދާއިރާގެ އިތުރަށް ސޭލްސްއާއި މާކެޓިންއަށް ޚާއްޞަ ކޮންޓެންޓްގެ ދާއިރާއަށް ފުރުސަތު ލިބޭގޮތަށެވެ.
ރައީސް ވިދާޅުވީ މި ހުރިހާ ދާއިރާތައް ހިމެނޭގޮތަށް، ކުރިއަށް އޮތް 2 ހަފްތާ ތެރޭގައި މި ލޯނު ސްކީމަށް އެދުމުގެ ފުރުސަތު ހުޅުވާލަން އަންގަވާފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު