ވެރިކަމަށް އައިސް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ހުރިހާ ކަމެއް ރަނގަޅު ކުރާނެ ކަމަށް ސަރުކާރާ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ އެމްޑީޕީން އަނެއްކާވެސް ވެރިކަމާ ހަވާލުވެ، ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ހުރިހާ ކަމެއް ރަނގަޅު ކުރާނެ ކަމަށެވެ. އަދި ގާނޫނު އަސާސީ އިރާލުމުގެ ތެރެއިން ކުރައްވާފައި ހުރި ކަންކަން އަނބުރާ އިޔާދަކޮށް އަލުން ގާނޫނު އަސާސީއާ ނުކުޅެވޭ ވަރު ކުރާނެ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ ސިނގިރޭޓުގެ ޑިއުޓީ، ވޭޕް، މި ހުރިހާ ކަމެއް ރައްޔިތުންގެ މަޝްވަރާއާ އެއްކޮށް ބަދަލުކުރާނެ ކަމަށެވެ. އަދި އެންމެ ފުރަތަމަ ދުވަހު އުވާލާނީ މީޑިއާ ކޮންޓްރޯލް ބިލު ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
”ރައްޔިތުންނަށް ވެފަ ހުރި ތަކުލީފުތައް، އޭގެ ތެރޭގައި ސިނގިރޭޓުގެ ޑިއުޓީ، ވޭޕް، މި ހުރިހާ ކަމަކީ އަޅުގަނޑުމެން ރައްޔިތުންގެ މަޝްވަރާއާ އެއްކޮށް ބަދަލުކުރާނެ ކަންކަންކަން މިއަދު އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ،” ފައްޔާޒު ވިދާޅުވި އެވެ.
މީޑިއާ ބިލު ރައީސް މުއިއްޒު ތަސްދީގުކުރައްވައިފިނަމަ އެ ގާނޫނަށް އަމަލުކުރުމާ މެދު ރައްޔިތުން ގޮތް ނިންމާނީ އަންނަ މަހުގެ ތިންވަނަ ދުވަހު މަގުމަތިން ކަމަށްވެސް ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ހިޔާލު