ނުގަވައިދުން ބިދޭސީން ހިންގާ ވިޔަފާރިތައް ހޯދަން މުޅި ރާއްޖޭގައި އަތްފުނާއަޅަން ނިންމައިފި

ޝާން މުޙައްމަދު | 21 ސެޕްޓެމްބަރ 2025 | ޚަބަރު

ނުގަވައިދުން ބިދޭސީން ހިންގާ ވިޔަފާރިތައް ހޯދަން މުޅި ރާއްޖޭގައި އަތްފުނާއަޅަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ވިދާަޅުވީ މިކަމަށް ހާއްސަކޮށްގެން މުޅި ރާއްޖޭގައި ހާއްސަ އޮޕަރޭޝަނެއް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. ރާއްޖޭގައި އެންމެ ބޮޑު އެއް މައްސަލައަކީ ބޭރު މީހުންގެ މައްސަލަ ކަމަށާއި މިކަމުގެ ސަބަބުން ދިވެހި އާންމު ރައްޔިތުން ކުރާ ވިޔަފާރިތަކަށް ވެސް އަސަރުކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement
Advertisement

ބިދޭސީން ނުގަވައިދުން ދިވެހިން ހިންގާ ކުދި ވިޔަފާރިތަކުގެ ތެރެއަށް ވެސް ވަންނަމުންދާ ކަމަށާއި މާލެ އާއި ހުރިހާ ރަށެއްގައި ވެސް މިގޮތަށް މިކަން ހިނގަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ބިދޭސީން ހިންގާ ތަންތަން ބަންދުކޮށް އެ ތަންތަނުގައި މަސައްކަތް ކުރާ ބިދޭސީން ޑީޕޯޓުކުރަން ހާއްސަ އޮޕަރޭޝަނެއް މާދަމާ ފަށާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ދިވެހި ރައްޔިތުން ވަޒީފާގެ ފުރުސަތުތައް ބޭނުންވެފައި ތިބިއިރު، އެފަދަ ފުރުސަތުތައް ނުގަވައިދުން ރާއްޖޭގައި އުޅޭ ބޭރު މީހުންނަށް ނުދިނުމަށް ރައީސް އިލްތިމާސްކުރައްވާފައި ވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.