ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވައުދުތައް ފުއްދުމުގެ ތެރެއިން އިސްލާމީ މަރުކަޒުތައް ބިނާކުރުމަށް ރަށް ރަށުގައި ބޭނުންކުރަމުން ދިޔަ އެންމެ ބޮޑެތި މިސްކިތްތައް ތަޅާލުމަށް ފަހު، ޒަމާނީ އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ނުފެށި ލަސްވާތީ، ރައްޔިތުންގެ ހިތްނުތަނަވަސްކަން އިތުރުވެ، އެވާހަކަ ދައްކަން ފަށައިފި އެވެ.
ށ. އަތޮޅުގެ ބައެއް ރަށް ރަށުން ތަޅާލީ އެ ރަށް ރަށުގައި އެންމެ ގިނަ މީހުން ބޭނުންކުރަމުން ގެންދިޔަ އަދި އެންމެ ރަނގަޅަށް މަރާމާތުކޮށް ބަލަހައްޓަމުން ގެންދިޔަ އެރަށް ރަށުގައި ހުކުރުކުރުމަށް ޚާއްސަ މިސްކިތްތަކެވެ. ށ. ފޯކައިދޫ އާއި ށ. މިލަންދޫން ވެސް ތަޅާލާފައިވަނީ މިދެންނެވި ފަދަ ރަނގަޅު މިސްކިތްތަކެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިސްކިތްތައް ތަޅާލަންޖެހުނީ އިސްލާމީ މަރުކަޒު ބިނާކުރުމަށް ރަށު ކައުންސިލުން އެތަން ތަން ހަމަޖައްސާފައި ވާތީ އެވެ. ރަށް ރަށުގެ ބިމުގެ ދަތިކަމަށް ބަލާފައި އިތުރު ބިމެއް ނެގުމުގެ ބަދަލުގައި މިސްކިތްތައް ހުރި ބިންތަކުގައި އިސްލާމީ މަރުކަޒުތައް ތަރައްޤީ ކުރުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ފެންނާތީ އާއި، ރައްޔިތުންގެ ޚިޔާލު އެގޮތަށް ދީފައިވާތީ ކަމަށް މަޢުލޫމާތު ލިބެއެވެ.
އިސްލާމީ މަރުކަޒުތައް ބިނާކުރުން ވަރަށް އަވަސް ވާނެ ކަމަށް ކަމާބެހޭ ވުޒާރާއިން ކުރިން ވިދާޅުވެފައި ވެއެވެ. އެހެން ނަމަވެސް މިސްކިތްތައް ތަޅާލުމަށް ފަހު އިތުރު އެއްވެސް ކަމެއް ނުކޮށް ލަސްވާތީ ރައްޔިތުން ތިބީ ހިތްހަމަނުޖެހިފައެވެ. މިއީ ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ މުހިންމު މައްސަލައެކެވެ.

ކިޔުންތެރިންގެ ހިޔާލު