ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަދި ވަކިން ޚާއްސަކޮށް އެފަދަ ކުޑަކުދިންނަށް ލޯތްބާއެކު ޚިދުމަތް ކުރުމުގައި މިހާތަނަށް ރާއްޖެ ދުށް އެންމެ ހީވާގި އެކަކު ކަމުގައިވާ އަޙުމަދު ހިޝާނަށް ޖިންސީ ގޯނާގެ ތުހުމަތުކޮށް، އޭނާގެ ޚިދުމަތުގެ މުޅި ޙަޔާތް ބަރުބާދުކޮށް، އަބުރު ވެއްޔާ މޮޑެލީ އެއްވެސް ހެއްކެއް ނެތިކަން ހާމަވެއްޖެ އެވެ.

ދައުލަތުގެ ތަޙްޤީޤީ އިދާރާ ކަމަށްވާ ދިވެހި ފުލުހުންގެ އިދާރާއިން ބުނެފައިވަނީ ހިޝާންގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ މައްސަލައިގެ ތަޙްޤީޤުގައި އޭނާ އެފަދަކަމެއް ކުރިކަމަށް އެއްވެސް ކުއްޖަކުވެސް އަދި ބެެލެނިވެރިޔަކު ވެސް ބުނެފައިނުވާ ކަމަށެވެ. އެހެން ނަމަވެސް ކުރިން ފުލުހުން ވެސް އަދި ކަމާބެހޭ އެހެން އިދާރާތަކުން ވެސް ބުނަމުން ގެންދިޔައީ އޭނާއަކީ އެފަދަ ކުދިންނާ ގާތްކުރަން ހެޔޮވާވަރުގެ ވެސް މީހެއް ނޫންކަމަށެވެ. އެންމެ ފަހުން އެފަކީރަށް ޖެހުނީ ޤައުމުވެސް ދޫކޮށް ދާށެވެ. މިއަދު ޙަޤީޤަތް އެނގުނު އިރު، ހިޝާނެއް ނެތެވެ. އަދި ހުރިނަމަވެސް އެނބުރި ޚިދުމަތަކަށް ދެން އައުމަކީ ނާދިރު ކަމެކެވެ. އެފަދަ މުހިންމު މަސައްކަތެއް ކުރުމުގައި އެހާ ގިނަ ދުވަހު އުޅުނު މީހަކަށް ވެސް ލިބުނީ ކޮޅުކެެއްސެވެ. ދިވެހި މުޖުތަމަޢުގައި އެފަދަ ޚިދުމަތްތެރި މީހުން އުފެދެނީ ވަރަށް މަދުންނެވެ. ސަބަބަކަށް ހިޝާންގެ ވާހަކަ ފުދެއެވެ.
މިއަދު ހިޝާންގެ ބަސްމަގާއި ޢަމަލުތައް ވެސް ފެންނަނީ ވަރަށް ބޮޑަށް ބަދަލުވެފައިވާ ތަނެވެ. އެހެން ނުވާންޖެހޭ ސަބަބެއް ވެސް ނެތެވެ. އޭނާއާ ކުރިމަތިކުރުވީ ނަފުސާނީ ގޮތުން މީހާއަށް ގޮންޖެހުންތައް ކުރިމަތިނުވާނެ ޙާލަތެއް ނޫނެވެ. ދެރަކަމުގެ ކޮޅެއް ވެސް ނެތެވެ. މުއައްސަސާތަކަށް އޮތް އިތުބާރު ވެސް ފުނޑު ފުނޑު ވެއްޖެ އެވެ.
ކިޔުންތެރިންގެ ހިޔާލު